ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ޕީއެސްއެމް ނިއުސްއިން އަންނަނީ ތަފާތު އެކިއެކި ކޮންޓެންޓުތަކާއި ޕްރޮގްރާމްތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ރަމަޟާންމަހަށް ޚާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިން މުޅިން އަލަށް ގެނެސްދޭން ފަށާ އެއް ޕްރޮގްރާމަކީ "އެވެރިން" މި ޕްރޮގްރާމެވެ.
"އެވެރިން" މި ޕްރޮގްރާމްގެ ސިލްސިލާގެ ފުރަތަމަ އެޕިސޯޑް މިރޭ 22:00 ގައި ޕީ.އެސް.އެމް ނިއުސްއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސިލްސިލާގެ ފުރަތަމަ ޝޯވ ޚާއްސަކޮށްފައިވަނީ ރާއްޖޭގައި ޕޭސްޓްރީއާއި ކޭކުއެޅުމުގެ ދާއިރާގައި އެފަދަ ދެވަނައެއްނެތް އައިމިނަތު ނަޝީދާ، މަޝްހޫރު ނަމުންނަމަ "ނަޝީ ކޭކްސް" އަށެވެ.
މި އެޕިސޯޑްގައި ނަޝީގެ ފިރިކަލުން އަދި ދަރިފުޅުވެސް ބައިވެރިވާނެއެވެ. މި ޕްރޮގްރާމް ގެ ތެރެއިން ނަޝީގެ ދިރިއުޅުމާއި ގުޅުންހުރި އެތައް ވާހަކަތަކެއް ބެލުންތެރިންނާއި ހިސާބަށް ގެނެސްދެވޭނެއެވެ.
"އެވެރިން" ހުކުރު ދުވަހުގެރޭ 22:00ގައި ޕީ.އެސް.އެމް ނިއުސް އިން pic.twitter.com/KC2PQkvHvU
— PSM News (@psmnewsmv) March 5, 2025
"އެވެރިން" މި ޕްރޮގްރާމަކީ މިއީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެތި އެކި ރޮނގުރޮނގުން ފާހަގަކޮށްލެވޭ ޚިދުމަތްތެރިންގެ ވާހަކަތައް ގެނެސްދޭ ޚާއްސަ ޕްރޮގްރާމެކެވެ. އާންމުކޮށް މިހެން ގެނެސްދޭ ޕްރޮގްރާމްތަކާ ޚިލާފަށް މި ޕްރޮގްރާމުގައި މެހެމާނާއެކު އޭނާގެ ޙަޔާތުގެ ބައިވެރިޔާ ނުވަތަ އާއިލާ މެންބަރުންވެސް މި ޕްރޮގްރާމުން ފެނިގެންދާނެއެވެ.
ސެލެބްރިޓީ ޓޯކްޝޯވއެއްގެ ކޮންސެޕްޓަކަށް ގެނެސްދޭ މި ޕްރޮގްރާމަށް ތައްޔާރުކޮށްފައިވާ ސެޓަކީ މިފަހަރު ޕީއެސްއެމްގެ ޓީވީ ޗެނަލަކުން ފެނިގެންދާނެ އެންމެ ބޮޑު އަދި އެންމެ ހިތްގައިމު އެއް ސެޓެވެ.
"އެވެރިން"ގެ ޖުމްލަ 5 އެޕިސޯޑެއް މި ރަމަޟާންމަހު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ގެނެސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 22:00 ގައެވެ.