މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ނީލަން ޕޯޓަލްގެ ތެރެއިން ހިތަދޫ ޕޯޓުން ހުޅުވާލާ ނީލަންތަކުގައިވެސް މިހާރު ބައިވެރިވެވޭނެކަމަށް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.
މި ޕޯޓަލްގެ ތެރެއިން މީގެ ކުރިން ބައިވެރިވެވެނީ ހަމައެކަނި މާލޭ ވިޔަފާރި ބަނދަރުން ހުޅުވާލާ ނީލަންތަކުގައި އެކަންޏެވެ.
އެމްޕީއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ނީލަން ޕޯޓަލްގައި ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، އިތުރަށް ރަޖިސްޓްރީ ނުކޮށް އަދި އިތުރު ފީއެއް ނުދައްކައި ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އެއް ވަގުތެއްގައި ތަފާތު ނީލަންތަކުގައިވެސް ޕޯޓަލްގެ ތެރެއިން ބައިވެރިވެވޭނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
އެމްޕީއެލްއިން ވިދާޅުވީ ޕޯޓަލްގެ ތެރެއިން ޕޯޓުގައި ހުންނަ މުދާތައް ގަތުމަށް އޮންލައިންކޮށް ބައިވެރިވެ، ފައިސާވެސް ދެއްކޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކުޅުދުއްފުށީ ޕޯޓުން ހުޅުވާލާ ނީލަންތަކުގައިވެސް ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ކޮންމެތާކު ހުއްޓަސް އޮންލައިންކޮށް ނީލަންތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެމްޕީއެލްއިން ނީލަން ޕޯޓަލެއް ތަޢާރަފުކުރީ 2022 ވަނަ އަހަރުއެވެ. މި ޕޯޓަލާއެކު ވީހާވެސް ގިނަ ބަޔަކަށް ލުއި ފަސޭހަ ގޮތަކަށް ނީލަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
އެމްޕީއެލްގެ ނީލަން ޕޯޓަލްގެ ތެރެއިން ނީލަން ކިޔާނީ ޕޯޓުތަކުގައި ނުގެންގޮސް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުންނަ މުދާތަކެވެ. އެމްޕީއެލްގެ މުދާ ނީލަންކިޔުމުގެ ޢާންމު ގަވާއިދުގެ ދަށުން ކޮންޓެނަރަލައިޒްޑް އަދި ކޮންވެންޝަނަލް ކަރގޯއެއް ނީލަން ކިޔާނީ ވެރިފަރާތުން އެ މުދަލާއި ހަވާލު ނުވާތާ ނުވަތަ ކްލިއަރ ނުކުރާތާ 30 ދުވަސް ފަހުންނެވެ.