މި ސީޒަނަށްފަހު ކުލަބު ބަދަލުކުރަން ބޭނުންވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ނުރަސްމީކޮށް ބުނެފިއެވެ.
އުމުރުން މިހާރު 30 އަހަރުގެ ޕޯޗުގަލްގެ ކުޅުންތެރިޔާ ކުލަބު ބަދަލު ކުރަން ބޭނުންވަނީ ޔުނައިޓެޑަށް ކުޅެންގެން މިހާތަނަށް އެ ޓީމަށް ތަށި ތަކެއް ނުލިބޭތީ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ. ހާއްސަކޮށް އިނގިރޭސި ޕްރެމިއާ ލީގު ޔުނައިޓެޑަށް ނުލިބޭތާ މިހާރު 12 އަހަރުވެއްޖެ އެވެ.
އިނގިރޭސި މީޑިޔާތަކުން ބުނަނީ ފެނާންޑޭޒް ދެކޭ ގޮތުގައި އޭނާ އަކީ ކާމިޔާބު ހޯދާ ކުލަބެއްގައި ކުޅެން ހައްގު ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާގެ މި ހުވެފެން މެންޗެސްޓާ ޔުނައިޓެޑްގައި ހުރެގެން ހާސިލް ނުވާނެ ކަމަށް ވެސް ކުޅުންތެރިޔާ މިހާރު ދެކޭ ކަމަށެވެ.
ނަމަވެސް ކުލަބު ބަދަލުކުރަން ބޭނުންވާކަން ރަސްމީކޮށް ފެނާންޑޭޒް ޔުނައިޓެޑަށް ހުށަނާޅަ އެވެ.
ސަބަބަކީ އޭނާ އަކީ މިވަގުތު ޓީމުގެ ކެޕްޓަނަށްވެފައި ހިނގަމުންދާ ސީޒަނެއްގެ ތެރެއިން އެފަދަ ކަމެއް ރަސްމީކުރަން ބޭނުންނުވާތީ އެވެ. އަނެއްކޮޅުން ޔުނައިޓެޑް ވެސް އޮތީ އޭނާ ދޫކޮށްލާ ގޮތަކަށްނޫނެވެ.
ފެނާންޑޭޒް ކުލަބު ބަދަލު ކުރަން ބޭނުންވާއިރު ޔުނައިޓެޑަށް އަންނަ ސީޒަނުގައި ވެސް މޮޅު ކުޅުންތެރިން ގެނެސް ތަށި ލިބޭ ވަރުގެ ވަރުގަދަ ޓީމެއް ބިނާ ކުރެވިދާނެ ކަމަށް ގިނަ ބަޔަލު ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ މާލީ ގޮތުން އެކުލަބަށް ވަރަށް ބޮޑަށް އަޑިއަޅާލާފައި އޮތުމާއި ޗެމްޕިއަންސް ލީގު ފަދަ ޔޫރަޕުގެ ބޮޑެތި މުބާރާތްތަކުން ފުރުސަތު ނުލިބޭތީ އެވެ.
މިއާ ހިލާފަށް ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ފެނާންޑޭޒް އަކީ މިވަގުތު ޔުނައިޓެޑްގައި ހުރި ދުނިޔޭގެ ފެންވަރުގެ ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ ކުލަބު ބަދަލު ކުރަން ބޭނުންވަނީ މި ސަބަބާ ހުރެ އެވެ.
ޔުނައިޓެޑަށް 2020 ވަނަ އަހަރު އޭނާ ބަދަލުވި ފަހުން އެ ކުލަބަށް މިހާތަނަށް ކާމިޔާބު ކުރެވުނީ އެންމެ ދެ ތައްޓެވެ. އެއީ މިދިޔަ އަހަރުގެ އެފްއޭކަޕާއި އޭގެ ކުރީ އަހަރުގެ ކަރަބޯ ކަޕެވެ.