ޚަބަރު

ފީފާ-އީ ނޭޝަންސް ލީގު: ފުރަތަމަ ދުވަހުގެ މެޗުތައް ރާއްޖެއަށް


  • ފީފާ އީ ނޭޝަންސް ލީގުގައި ދެން އެންމެ އަވަހަށް ރާއްޖެ ކުޅޭނީ ކިރްގިސްތާނާއި ދެކޮޅަށް

  • މިއީ އެފްއޭއެމް އާއި މޯލްޑިވްސް އީ ސްޕޯޓިން ގޭމިން އެސޯސިއޭޝަނުން ގުޅިގެން ބައިވެރިވި މުބާރާތެއް

ފީފާ އީ ނޭޝަންސް ލީގު 2026 ގައި ރާއްޖެއިން ރަނގަޅު ވާދަތަކެއްކޮށް ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ފޯރިގަދަ މެޗުތައް ކުޅެމުން އެބަދެއެވެ.

މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަނާއި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގުޅިގެން މި މުބާރާތުގައި ރާއްޖެ ބައިވެރިކޮށްފައިވާއިރު ރާއްޖޭން ދެން އެންމެ އަވަހަށް ނިކުންނާނީ ކިރުގިސްތާނާއި ދެކޮޅަށެވެ.

އެ މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ މެންދުރު 15:00 ގައެވެ. ރާއްޖެ ކުޅޭ ހުރިހާ މެޗުތަކެއްވެސް ވަގުތުން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު މެޗުތައް ބެލޭނެ ގޮތް އީ ސްޕޯޓިން އެސޯސިއޭޝަނުގެ ސޯޝަލް މީޑީއާ ޕޭޖުގައި އާންމު ކުރަމުންދާނެއެވެ.

އީ ގޭމިންގައި މޮޅު ކުޅުންތެރިން ހިމެނޭހެން އެކުލަވާލާފައިވާ ޓީމަކާއެކު ފީފާ އީ ނޭޝަންސް ލީގުގެ އޭޝިއާ އީސްޓް/އޯޝެނިއާ ކޮލިފިކޭޝަނަށް ރާއްޖެ ނިކުތްއިރު، ރާއްޖެ ހިމެނިފައިވަނީ ގުރޫޕް އޭގައެވެ. ރާއްޖެ އާއިއެކު މި ގުރޫޕުގައި ދެން ހިމެނެނީ އިންޑޮނޭޝިއާ، ބަންގްލަދޭޝް އަދި އޮސްޓްރޭލިއާ އެވެ. ގުރޫޕް ބީގައި ހިމެނެނީ އިންޑިއާ، މެލޭޝިއާ ހޮންގކޮން އަދި ނިއުޒިލޭންޑެވެ.

މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތަކަށް ބަލާއިރު ރާއްޖެއިން ރާއްޖެ ވަނީ އެންމެ މެޗެއް ފިޔަވާ އެހެން ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. ރާއްޖެ ބަލިވީ އޮސްޓްރޭލިއާއާއި ދެކޮޅަށް ކުޅުނު މެޗުން 2-0 ންނެވެ.

ފުރަތަމަ ދުވަހުގެ އެހެން މެޗުތަކަށް ބަލާއިރު އިންޑޮނޭޝިއާ އާއި ބައްދަލުކުރި މެޗު ވަނީ 1-1 ން އެއްވަރުވެފައެވެ. ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ 2-0 ން މޮޅުވެފައެވެ. ލާއޯސް، ބުރޫނާއީ އަދި ގުއާމާއި ދެކޮޅަށް ރާއްޖޭގެ ހުނަރުވެރި ޓީމުން ކުޅުނު ތިން މެޗުވެސް ފަސޭހަކަމާއެކު ރާއްޖެއިން ކާމިޔާބުކުރީ 2-0 ންނެވެ.

މިހާރު ޕޮއިންޓް ތާވަލަށް ބަލާއިރު ރާއްޖެ އޮތީ 10 ޕޮއިންޓާއެކު 3 ވަނައިގައެވެ. ދެވަނަގައި 18 ޕޮއިންޓާއެކު އޮސްޓްރޭލިއާ އޮތް އިރު ރާއްޖެއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށް އޮތް އިންޑޮނޭޝިއާ އޮތީ 3 ވަނައިގައެވެ. މިވަގުތު ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް ގުއާމްއެވެ. ލާއޯސް 2 ޕޮއިންޓް ހޯދާފައިވާއިރު ބުރޫނާއީ އާއި ބަންލަދޭޝްއިން ވަނީ 7 ޕޮއިންޓް ހޯދާފައެވެ.

ފީފާ އީ ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް ރާއްޖޭގެ ގައުމީ ޓީމުން ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.