ޚަބަރު

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރި ފުރަތަމަ އަތޮޅަކަށް ދ. އަތޮޅު


  • ދ. އަތޮޅުގެ 5 ރަށެއްްގައި ވަނީ އޭޓީއެމް ޙިދުމަތް އަލަށް ފަށާފައި

  • ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޙިދުމަތް ފެށުން

ވަކިވަކިން އޮންނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އަތޮޅުތަކުގެ ތެރެއިން ދ. އަތޮޅަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައިވާ ފުރަތަމަ އަތޮޅެވެ.

ދ. އަތޮޅަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައިވަނީ އެ އަތޮޅުގެ 5 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވާފައެވެ. އެއީ ދ. މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެލީގައެވެ.

މި ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމާއި އެކު މީހުން ދިރިއުޅޭ 6 ރަށެއް ހިމެނޭ ދ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތްވަނީ ދޭން ފަށާފައެވެ. މީގެކުރިން އެ އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ލިބެނީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޑަހުވަދޫއިން އެކަންޏެވެ.

ދ. އަތޮޅުގައި އަލަށް ޤާއިމްކޮށްފައިވާ 5 އޭޓީއެމް އާއި އެކު ބީއެމްއެލްގެ އޭޓީއެމް ޙިދުމަތްދޭ ރަށްތަކުގެ އަދަދު މިހާރުވަނީ 157 އަށް އަރާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓިއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބެހެއްޓިފައިވާއިރު، ދ. ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އަދި މިމަހުގެ 16 ވަނަ ދުވަހު އައްޑޫ ސިޓީގައި ވަނީ ޑޮލަރު އޭޓީއެމް ޚިދުމަތްދޭން ފަށާފައެވެ. މި އޭޓީއެމްއަކީ 24 ގަޑިއިރު ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ޚިދުމަތް ލިބޭނެ ސެލްފް ސާވިސް އޭޓީއެމްއެކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 157 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ފޯރުކޮށްދެމުންނެވެ.