ޚަބަރު

ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްކަމުގެ އައު ދައުރަކަށް ލަތީފް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސްކަމުގެ އައު ދައުރަކަށް މުޙައްމަދު ލަތީފް އިންތިޚާބުވެވަޑައިގެންފި އެވެ.

ވީއޭއެމުގެ ރައީސްކަމުން މިދިޔަ އަހަރުގެ ފެބްރުއަރީ ފަހުކޮޅު ރަނޭޝް އިސްތިއުފާދިން ފަހުން ބޭއްވި އިންތިޚާބުގައި ލަތީފް ފިޔަވާ އެހެން ކެންޑިޑޭޓެއް ކުރިމަތިލާފައި ނުވެއެވެ. އެހެންކަމުން އެ މަގާމަށް އިންތިޚާބުވެ އެ ދައުރުގެ ބާކީ އޮތް އެއް އަހަރަށްފަހު ރޭ ވަނީ އެ އެސޯސިއޭޝަނުގެ ކުރިއަށްއޮތް ހަތަރު އަހަރުގެ ދައުރުގެ އިންތިޚާބު ބާއްވާފައެވެ.

އެ އެސޯސިއޭޝަނުގެ އެގްޒެގެޓިވް ކޮމިޓީ ފިޔަވާ އެހެން ހުރިހާ މަގާމުތަކަށް ކުރިމަތިލާފައިވަނީ އެކަކެވެ. އެހެންކަމުން ގަވާއިދުގައިވާ ގޮތުގެ މަތިން އެ މަގާމަށް ވަނީ އިންތިޚާބުވެފައެވެ.

ވީއޭއެމުގެ އައު ދައުރަކަށް އިންތިޚާބުވި ލީޑަޝިޕް:
ރައީސް: މުޙައްމަދު ލަތީފް
ސީނިއަރ ނައިބު ރައީސް: މުޙައްމަދު ސާޖިދު
ނައިބު ރައީސް ވޮލީބޯލް: ޝިޔާމް އަލީ
ނައިބު ރައީސް ވޮލީބޯލް: އަލީ ލަތީފް
ނައިބު ރައީސް އިދާރީ: އިއްޒަތު ވަހީދު
ނައިބު ރައީސް އަންހެން: އާއިދާ އަބްދުލް ހަކީމް
ހިންގާ ކޮމިޓީ މެންބަރު: ފަތުހުﷲ ވަހީދު
ހިންގާ ކޮމިޓީ މެންބަރު: ސޮފްވާން އަޙްމަދު
ހިންގާ ކޮމިޓީ މެންބަރު: ޝިޔާމް އަލީ
ހިންގާ ކޮމިޓީ މެންބަރު/އަންހެން: އައިޝަތު ފަތީނަތު

އެންމެ ފަހުން ނިމުނު ދައުރުގައި މުޙައްމަދު ލަތީފްއާއެކު ލީޑަޝިޕުގައި ހިމެނުނީ މި މެމްބަރުންނެވެ. މިއީ މި ލީޑަޝިޕް އިންތިޚާބުވި ދެވަނަ ދައުރެވެ. ޖުމްލަ ހަ ކެންޑިޑޭޓުން އެކްސްކޯއަށް ވާދަކޮށްފައިވާއިރު، މީގެތެރެއިން އިންތިޚާބުކޮށްފައިވަނީ ފަސް ކެންޑިޑޭޓުންނެވެ.

މި ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ނެގި ވޯޓުގައި އެސޯސިއޭޝަނުގެ މެމްބަރު 13 ކުލަބުގެ ތެރެއިން 11 ކުލަބެއް ވަނީ ބައިވެރިވެފައެވެ. ވާދަކޮށްފައިވާ ހަ ކެންޑިޑޭޓުންނަކީ އަޙްމަދު ނަޝީދު، މުޙައްމަދު ފަހުމީ، މުޙައްމަދު ޝަރަފް، އަޙްމަދު އަދީލް، ފަތުހުﷲ ވަހީދު އަދި ސޮފްވާން އަޙްމަދެވެ.

މީގެތެރެއިން އައު ދައުރަށް އިންތިޚާބުނުވީ އަޙްމަދު އަދީލް އެވެ. އޭނާއަށް މެމްބަރު 6 ކުލަބަކުން ވޯޓުދިނެވެ. އެކްސްކޯއަށް އިންތިޚާބުވި މެމްބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނީ މުޙައްމަދު ފަހުމީ އާއި މުޙައްމަދު ޝަރަފް އެވެ. ދެ ކެންޑިޑޭޓުންނަށް ވެސް ޖުމްލަ 11 ވޯޓު ލިބުނުއިރު، އަޙްމަދު ނަޝީދަށް 10 ވޯޓު ލިބުނެވެ. މީގެ އިތުރުން ސޮފްވާން އަޙްމަދަށް 9 ވޯޓު އަދި ފަތުހުﷲ ވަހީދަށް 8 ވޯޓު ލިބުނެވެ. މި މެމްބަރުންގެ ދައުރަކީ ހަތަރު އަހަރެވެ.

ވީއޭއެމުން ވަނީ އައު ލީޑަޝިޕާއެކު މި އަހަރު ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ބައިނަލްއަޤްވާމީ މުބާރާތްތަކާއި ލޯކަލް މުބާރާތްތަކުގެ އިތުރުން ޓެކްނިކަލް އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމުތައް ހިމެނެއެވެ.