މިދިޔަ ބުރާސްފަތި ދުވަހަކީ ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ބޮޑު އަދަދަކަށް ފައިސާ ދޫކުރި ދުވަސްކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
މިފްކޯގެ ހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަސްވެރިން ކިރުވައިފައިވާ މަހަށް މިފްކޯއިން ވަނީ 6.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި މިއީ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް އެންމެ ގިނައިން ފައިސާ ދޫކުރި ދުވަހެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޑިސެންބަރ މަހާއި އަޅާބަލާއިރު %122 އިތުރުވުމެކެވެ. ޑިސެމްބަރ މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ.
މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުން ދަނީ މިފްކޯއަށްވެސް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިފްކޯގެ ހިންގުމަށް ބަދަލުގެނެސް، މިފްކޯއަކީ ފައިދާވާ ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުން ހިމެނެއެވެ.