ބ. ފެހެންދޫގައި ދިރިއުޅޭ ކިޔަވާކުދިން ތަޢުލީމު ޙާސިލުކުރުމަށް އެ އަތޮޅު ގޮއިދޫ ސްކޫލަށް ދިއުމަށްޓަކައި ދެމުން ގެންދިޔަ ފެރީގެ ޚިދުމަތް މެދުކަނޑާލުމަށްފަހު، އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު އެޚިދުމަތް އަލުން ފޯރުކޮށްދިނުމަށް ގޮއިދޫ ކައުންސިލުން ނިންމަވައިފިއެވެ.
ގޮއިދޫ ސްކޫލުގައި ކިޔަވަމުންދާ ފެހެންދޫ ކުދިންނަށް ބޭނުންވާ ފެރީގެ ޚިދުމަތް މީގެކުރިން ދެމުންދިޔައީ ފެހެންދޫ ކައުންސިލްގެ ފަރާތުން ކުޑަވަރެއްގެ ޑިންގީއެއްގައެވެ. އެހެންނަމަވެސް ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދަކީ ކުޑަކުދިން ގޮވައިގެން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އުޅަނދެއް ނޫންކަމަށް ފެހެންދޫ ކައުންސިލުން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.
އަދި ފެހެންދޫއާއި ގޮއިދޫއާއި ދެމެދު ފެރީ ދަތުރުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރައްވައިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ ޚިދުމަތް ދިނުން ހުއްޓާލުމަށް ނިންމާފައިވާކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ނިޒާމް ވިދާޅުވީ، ފެރީގެ ޚިދުމަތް ދިނުން ހުއްޓާލުމަށް ފެހެންދޫ ކައުންސިލް ނިންމެވުމާއި ގުޅިގެން، ގޮއިދޫ ސްކޫލާއި، އެރަށު ކައުންސިލް ހިމެނޭހެން ފެހެންދޫ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކުރައްވާ، ފެރީގެ ޚިދުމަތް އަލުން ފެށުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ފެހެންދޫއިން ގޮއިދޫ ސްކޫލަށް ކިޔެވުމަށްދާ ދަރިވަރުންނަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ގޮއިދޫ ކައުންސިލްގެ ފަރާތުން ހަމަޖައްސަވައި ދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާމް ވިދާޅުވީ، ފެހެންދޫއާއި ގޮއިދޫއަކީ އެއް ފަޅެއްގެ ތެރޭގައި ވަރަށް ކައިރި ކައިރީގައި އޮންނަ ދެ ރަށް ކަމަށްވެފައި، ގިނަ ފަހަރު ދިޔަވަރު ހުންނަ ގޮތުން، އެ ދެރަށް ދެމެދު ދަތުރުކުރުމަށް އާއްމުކޮށް ބޭނުންކުރާ ސައިޒުގެ ދޯނިފަހަރު ފެރީގެ ގޮތުގައި ބޭނުން ނުކުރެވޭކަމަށެވެ. އެހެންކަމުން ކިތަންމެ މޫސުން ގޯސްވިނަމަވެސް، ޑިންގީފަދަ އުޅަނދެއް ނޫނީ އެ ދެމެދުގައި ދަތުރުކުރުމަށް ބޭނުން ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ގޮއިދޫ ސްކޫލުގައި މިވަގުތު ފެހެންދޫއަށް ނިސްބަތްވާ 22 ދަރިވަރުން ދަނީ ތަޢުލީމު ހާސިލްކުރަމުންނެވެ. އޭގެ ތެރެއިން 13 ކުދިންނަކީ ކޮންމެ ދުވަހަކުހެން ފެހެންދޫއިން ދަތުރުކޮށްފައި ގޮއިދޫ ސްކޫލަށް ކިޔެވުމަށްދާ ކުދިންނެވެ.
2008 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ބ. ފެހެންދޫ ސްކޫލް ބަންދުކުރެއްވުމާއި ގުޅިގެން އެރަށުގައި ތަޢުލީމް ހާސިލްކުރަމުންދިޔަ ގިނަ އަދަދެއްގެ ކުދިން ވަނީ އެއަތޮޅުގެ އެކި ރަށްތަކަށް ބަދަލުވެފައެވެ. ފެހެންދޫ ސްކޫލް ބަންދުކުރުމާއި ގުޅިގެން ބ. އަތޮޅުގައި ތަޢުލީމު ހާސިލުކުރަމުންދާ ފެހެންދޫއަށް ނިސްބަތްވާ ދަރިވަރުންނަށް 1000 ރުފިޔާގެ އެލަވަންސްއެއް ސަރުކާރުގެ ފަރާތުން އަންނަނީ ދެއްވަމުންނެވެ.