މާލެ އައި ހުޅުމާލޭގައި އެފްއެސްއެމުން ހިންގާ ޝެޑުތަކުން ފުޅިއަށް އަދި ހަންހަމަށް ތެޔޮދޫކުރާ އުސޫލަށް ބަދަލުގެނައުމަށް ނިންމައިފިއެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމުން ވިދާޅުވީ އެކުންފުނިން މާލެ އަދި ހުޅުމާލޭގައި، އެއްގަމު އުޅަންދުފަހަރަށް ތެޔޮ ވިއްކުމަށް ހެދިފައިވާ ޝެޑުތަކުން ހަންހަމަށާއި ފުޅިއަށް ތެޔޮ އަޅައިދިނުމުގައި އަމަލުކުރަމުންގެންދާ އުސޫލަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފުޅިއަކަށް ކަސްޓަމަރަކަށް ގިނަވެގެން ދޫކުރެވޭނީ ދުވާހަލަކަށް 3 ލީޓަރު، އަދި ފުޅިއަށް ތެޔޮ އަޅާދެވޭނީ އެ ކަސްޓަމަރެއްގެ އައިޑީކާޑު ހުށަހެޅުމުންކަމަށެވެ.
Notice! pic.twitter.com/G4o98bEGSL
— FSM (@FuelSuppliesMv) January 27, 2025
އަދި ހަންހަމަށް ތެޔޮ ދޫކުރެވޭނީ، ޑިނގީ ނުވަތަ ލޯންޗެއްގެ ރަޖިސްޓްރީއަށް ބަލައި، ދުވާލަކަށް ގިނަވެގެން 80 ލީޓަރުކަމަށްވެސް އެފްއެސްއެމުން ވިދާޅުވެއެވެ.
އެފްއެސްއެމުން ވިދާޅުވީ މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ، ސަލާމަތީ މިންގަނޑުތަކަށްބަލައި އުސޫލަށް ބަދަލު ގެންނަން ފެންނާތީއާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަޤްސަދުގައިކަމަށެވެ.