16 ގަޑިއިރުގެ ދަތުރަކަށްފަހު އަންނަ އާދިއްތަ ދުވަހު މެޗެއް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
ޔޫއެފާ ކޮންފަރެންސް ލީގުގައި ޗެލްސީ މިރޭ ކަޒަކްސްތާނުގެ އަލްމަޓީގައި އެ ގައުމުގެ އަސްތާނާ އާއި ދެކޮޅަށް ކުޅޭ މެޗަށްފަހު ހޮނިހިރު ދުވަހު ހެނދުނު އަނބުރާ އިނގިރޭސިވިލާތަށް ގޮސް އާދިއްތަ ދުވަހު ބްރެންޓްފޯޑް އާއި ދެކޮޅަށް ޗެލްސީ މެޗެއް ކުޅެން ޖެހޭނެ އެވެ.
ކަޒަކްސްތާނުގެ އަސްތާނާގައި ކުޅެން ޖެހޭ މި މެޗު އަލްމަޓީއަށް ބަދަލުކޮށްފައިވަނީ އަސްތާނާގެ ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާތީ އެވެ.
މަރެސްކާ ބުނެފައިވަނީ މިރޭ ކަޒަކްސްތާނުގައި ކުޅޭ މެޗަށްފަހު އެ ޓީމު އެނބުރި ލަންޑަނަށް ދާނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ އިތުރަށް ބުނެފައިވަނީ ލަންޑަނުން ކަޒަކަސްތާނަށް ދިއުމަށް ފްލައިޓުގައި ކޮޅަކަށް އަށް ގަޑިއިރު ހޭދަކުރުމަށްފަހު ވަރުގަދަ ދެ މެޗު ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް މި ދެ މެޗުގައިވެސް ރަގަޅު ނަތީޖާތަކެއް ހޯދުމަށް ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ކޮންފަރެންސް ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ޗެލްސީގެ މަރެސްކާ ބުނެފައިވަނީ ކަޒަކިސްތާނަށް ދާ ޓީމުގައި ސީނިއާ ގިނަ ކުޅުންތެރިންތަކެއް ނުހިމެނޭ ކަމަށާއި އެ ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދީފައިވާ ކަމަށެވެ.
ޗެލްސީގައި ވަރުގަދަ ސްކޮޑެއް އޮތުމުގެ ފައިދާ އެ ޓީމަށް ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު އެކަމަށް މަރެސްކާވެސް ވަނީ އެއްބަސްވެފަ އެވެ.
ކޮންފަރެންސް ލީގުގައި މިހާތަނަށް ޗެލްސީ ހަތަރު މެޗު ކުޅެފައިވާއިރު ހަތަރު މެޗުވެސް ކާމިޔާބުކޮށް އެ ޓީމުން ވަނީ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. އަދި ޕްރިމިއާ ލީގުގައި މިހާތަނަށް 15 މެޗު އެ ޓީމު ކުޅެފައިވާއިރު 31 ޕޮއިންޓާއެކު މިހާރު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް ލިބިފައިވަނީ 35 ޕޮއިންޓެވެ.