ކޮޕް-29 ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭދަ ކުރުމަށް ކަނޑައެޅި 300 ބިލިޔަން ޑޮލަރަކީ އެކަށީގެންވާ އަދަދެއްކަމަށް ރާއްޖެއިން ޤަބޫލުނުކުރާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބީބީސީއަށް ދެއްވި ބަސްތީގަތުމެއްގައެވެ.
ބީބީސީއަށް ދެއްވި ބަސްތިގަތުމުގައި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ކޮޕް-29 ސަމިޓުގެ ނިންމުމާއި ގުޅޭގޮތުން ރާއްޖެއިން ދެކޭގޮތް ހާމަކުރައްވާފައެވެ. އެގޮތުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޤައުމުތަކަށް ދޭ އެހީގެ ގޮތުގައި އެ ސަމިޓުގައި ފާސްކުރި 300 ބިލިޔަން ޑޮލަރަކީ އެއްވެސް ގޮތަކަށް ޤަބޫލުކުރެވޭ ޢަދަދެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެއަދަދު ފާސްކުރުމަށް ރާއްޖެއިން ތާއިދުކުރީ ޤައުމުތަކާއި އެކު އޮންނަ ގުޅުމަށް ރިއާޔަތްކޮށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ތިމާވެށްޓާއި ބެހޭ ވަޒީރު ވިދާޅުވީ، ރާއްޖެއިން މި ދާއިރާގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަން ގަސްތުކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ބޭނުން ކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިދާއިރާއިން ކުރެވޭ މަސައްކަތްތައް ތަފްސީލްކޮށްދެއްވާފައެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތެއް ރާއްޖޭގައި ބޭނުން ކުރާ ހަކައިތައިގެ ނިސްބަތް 33 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ. މިއީ އަޅުގަނޑުމެންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މިކަމަށް މާލީ އެހީތެރިކަން އެބަބޭނުންވޭ. އެކަމަކު އަޅުގަނޑުމެންގެ ކުރިމަގުގެ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ކުރުން މުހިންމު ކަމެއް." ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.
ބީބީސީއަށް ދެއްވި ބަސްތީގަތުމުގައި ވަޒީރު ވަނީ މިފަދަ އެހީތައް ރާއްޖެއަށް މުހިންމުވާ ސަބަބުތައްވެސް ތަފްސީލުކުރައްވާފައެވެ. އެގޮތުން މިވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި މޫސުން ލަފާ ކުރަން ދަތިވާވަރަށް މޫސުމަށް ބަދަލުތައް އައުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑަށް ވާރޭވެހުނު އަހަރުކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ރަށްރަށް ގިރުމާއި ފެން ލޮނުވުމުގެ މައްސަލަތައް ކުރިމަތިވަމުންދާއިރު މިކަކަންމަށް ބޭރުގެ މާލީ އެހީތެރިކަން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީއާއެކު ކޮޕްގައި މިހާރު ކަނޑައެޅިފައިވާ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫންކަން ތަކުރާރުކުރައްވާ ވަޒީރު ވަނީ މިހާރު ކަނޑައެޅިފައިވާ އަދަދުވެސް ރާއްޖެއިން ބޭނުންވަނީ ހިލޭ އެހީގެ ގޮތުގައިކަމަށް ވިދާޅުވެފައެވެ.
"ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ކުދި ޖަޒީރާތަކަށް އިތުރު އެހީ ބޭނުންވޭ. ދިރާސަތަކުން އެބަ ދައްކާ އަހަރެއްގެ މައްޗަށް 1.3 ޓްރިލިޔަން ޑޮލަރު ބޭނުންވޭ 2035 ވަނަ އަހަރު އަންނަ އިރު. އަޅުގަނޑުމެންނަށް އެ އަދަދު ބޭނުންވޭ. އަދި މި 300 ބިލިޔަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ބޭނުންވާ އަދަދެއް. ލޯނު އެހީއެއްގެ ގޮތުގައެއް ނޫން. " ވަޒީރު ވިދާޅުވިއެވެ.
ތިމާވެށްޓާބެހޭ ވަޒީރު ވަނީ ބޮޑެތި ޤައުމުތަކުން މިފަދަ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަސްޖެހޭއިރު، އެފަދަ ޤައުމުތަކަކީ އެންމެ ބޮޑަށް ތިމާވެށްޓަށް ގެއްލުންވާ ފަދަ މާއްދާތައް ދޫކުރާ ޤައުމުތައްކަންވެސް ފާހަގަކުރައްވާފައެވެ. އަދި މިފަދަކަންކަމަށް މާލީ އެހީ ފޯރުކޮށްދޭން ފަސްޖޭހޭއިރު ހަމަ އެ ޤައުމުތަކުން ހަނގުރާމަތައް ކުރުމަށް ފައިސާ ޚަރަދުކުރާކަމަށްވެސް ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.