މިވީ 11 މަސްދުވަހުގެތެރެގައި 32 ރަށެއްގައި ހަކަތައާގުޅޭ އެކި މަސައްކަތްތައް ނިންމާލެވިފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އަދި މިވަގުތު އެކި މަރުޙަލާތަކުގައި 117 ރަށެއްގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރު ލިބެއެވެ. އެހެންނަމަވެސް ގިނަ ރަށްރަށުގައި ހުރި ޒަމާންވީ އިންޖީނުގެ ތަކުގެ ހާލަތު ހުރީ އެންމެ އެކަށީގެންވާގޮތުގައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެވޭ ގޮތަކަށް ނޫނެވެ. އެގޮތުން ބައެއް ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މަސައްކަތްވަނީ ބޮޑުވެފައެވެ. މިކަން ޙައްލުކުރުމަށް ސަރުކާރުދަނީ ހަކަތައާ ގުޅުންހުރި އެކި ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ ވޭތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި 2 ރަށެއްގެ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި އިތުރު 12 ރަށެއްގެ އިންޖީނުގޭގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށެވެ. މީގެއިތުރުން 5 ރަށެއްގައި ޖުމްލަ 1.9 މެގަވޮޓްގެ އަވަރ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްވަނީ ޤާއިމުކޮށްފައެވެ. އަދި ތ. އަތޮޅުގެ 12 ރަށެއްގައި 2.5 މެގަވޮޓްގެ ސޯލާއިން ހަކަތަ އުފައްދާ ނިޒާމުވަނީ ޤާއިމުކޮށްފައެވެ.
ހަކަތައިގެ މަޝްރޫޢު ފުޅާކުރުމަށް ގޭބިސީތަކަށް ޚާއްސަކޮށްގެން "މަގޭ ސޯލާ"ގެ ނަމުގައި މަޝްރޫޢުއެއްވަނީ ފައްޓަވާފައެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން ފުރަތަމަ މަރުޙަލާގައި ހޯދާ 3 މެގަވޮޓްގެ ސޯލާ ޕީވީ ހޯދުމަށް މިހާރުވަނީ ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައެވެ. ހަމަ މިމަޝްރޫޢުގެ ދަށުން އިތުރު 7 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހޯދުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.
މީގެއިތުރުންވެސް ރަށްރަށުގެ ކަރަންތު ގްރިޑް އަޕްގުރޭޑްކުރުމާއި، ކަރަންޓު ވިއުގަ އަޕްގްގްރޭޑު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ހަކަތައިގެ ދާއިރާ ކުރިއަރުވާ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ ސަރުކަރުގެ އަމާޒެކެވެ. ހަމައެއާއެކު ސޯލާއިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ފުޅާކޮށް ވަޔާއި ކަނޑުގެ އޮއެ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށްޓަކައި ދިރާސާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ހަމައެއާއެކު ރަށްރަށުގައި ހަކަތައިގެ ގިނަ މަޝްރޫޢުތަކެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.