ޚަބަރު

އަސްކަރީ ދާއިރާގެ ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި، ބޭރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ: ދިފާއީ ވަޒީރު


  • ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރާނީ ރައްޔިތުން އެދޭގޮތަށް

  • ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން

އަސްކަރީ ދާއިރާގެ ފުރިހަމަ ބާރު މިހާރު އޮންނާނީ ދިވެހިންގެ އަތުގައި ކަމަށާއި ބޭރުގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމިީ ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިންޑިއާ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ފައިދާވާނެ ގިނަ ކަންތައްތަކެއް އެމަނިކުފާނުގެ މަސައްކަތްޕުޅާއެކު ހާސިލްކުރައްވާފައިވާ ކަމަށެވެ. މި ދަތުރުފުޅުގައިވެސް އަދި ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކުރެއްވި އެއްވެސް ދަތުރުފުޅެއްގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާނެފަދަ އެއްވެސް ކަމެއް ކުރައްވާފައިވާނުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އެމްއެންޑީއެފުން ހިމާޔަތްކުރާނީ ރައްޔިތުން ބޭނުންވާގޮތަށް ކަމަށާއި އެޚިދުމަތުގެ ގާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިންޑިއާ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގައިވެސް އޮތީ ރާއްޖޭން އެދޭ ހާލަތްތަކެއްގައި، އެދޭގޮތަކަށް ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުކުރެވޭނެ ވާހަކަތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު އަސްކަރީ ދާއިރާއިން ހިނގާ ހުރިހާ ކަމެއްގައި ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި. ބޭރުގެ އެއްވެސް ނުފޫޒެއް އަސްކަރީ ގޮތުން، ދިފާޢީ ގޮތުން ނުފޯރުވޭނެ. މިއީ އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވާ ކަމެއް،" ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވިއެވެ.

ދިފާޢީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހަރުދަނާ ސިޔާސަތު ކަމަށްވާ، "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ދުނިޔޭގެ ޤައުމުތަކާއެކު މުޢާމަލާތްކުރައްވައި އެ ޤައުމުތަކާއެކު މަސައްކަތް ކުރެވޭނެ ޤައުމެއްކަން ސާބިތުކޮށްދެއްވަމުންދާ ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރައްވަނީ ރަހުމަތްތެރި ޤައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި އެ ޤައުމުތަކާއެކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވެފައިވާ ހައިޑްރޮގްރަޕީ އެއްބަސްވުން އައު ނުކުރުމަށް ނިންމުމުން އެފަދަ އެއްބަސްވުމެއް މިހާރު ނޯންނާނެކަން ފާހަގަކުރައްވައި ދިފާޢީ ވަޒީރު ވިދާޅުވީ އެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ގާއިމުވެތިބުމުގެ ފުރުސަތު ދެން ނުދެއްވާނެކަމަށްވެސް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.