ޚަބަރު

ބަންގްލަދޭޝްއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ


  • މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު 20،840 ފަތުރުވެރިން ވަނީ އައިސްފައި

  • ބަންގްލަދޭޝް މާކެޓް އޮތީ ގަދަ 16 ގައި

ބަންގްލަދޭޝްއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އައު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓްތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތްތަކާއެކު އައު މާކެޓްތައް ކުރިއެރުންތައް ހޯދަމުންދާކަމަށެވެ. އެގޮތުން ބަންގްލަދޭޝްއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝިއުރީ ވިދާޅުވީ، މީގެކުރުން ބަންގްލަދޭޝްއިން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ރާއްޖެ އަންނަނީ 2000 ނުވަތަ 3000 އެއްހައި ފަތުރުވެރިންކަމަށެވެ. ނަމަވެސް މިދިޔަ އަހަރު އެ ޤައުމުން ރާއްޖެއަށް 22،000 ފަތުރުވެރިން އައިސްފައިވާކަމަށާއި މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެއިން މި އިނގޭ އެއްޗަކީ ކޮންމެ ޤައުމަކީވެސް ޕޮޓެންޝިއަލް ހުރި ޤައުމެއްކަން އަޅުގަނޑުމެން އެބަޖެހޭކަން އެކްސްޕްލޯރ ކުރަން. ގެސްޓްހައުސް އެސޯސިއޭޝަންއާއި ކޮލަބޮރޭޝަން ވެގެން ފުރަތަމަ ފަހަރަށް މިދިޔަ ސެޕްޓެމްބަރ މަހުގެ 17 އިން 21 އަށް އަޅުގަނޑުމެން ބޭވިން ރޯޑްޝޯއެއް ބަންގްލަދޭޝް ޓާގެޓް މާކެޓަކަށް ބަލައިގެން." ޝިއުރީ ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ބަންގްލަދޭޝްއިން ރާއްޖެއަށް 20،840 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 16،161 ފަތުރުވެރިންނެވެ. މިއީ %29 އިތުރުވުމެކެވެ. މިއަހަރުގެ މިހާތަނަށް ބަންގްލަދޭޝް އޮތީ ރާއްޖެއަށް 16 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ.

ޝިއުރީ ވިދާޅުވީ، އެހެން ބައެއް މާކެޓްތައްވެސް ކުރިއެރުންތައް ހޯދަމުންދާކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ޕޮލެންޑް މާކެޓްވެސް މިހާރު ގަދަ 10 އަކަށް އަރާފައިވާކަމަށެވެ. ކުރިއަށްއޮތް ތަނުގައި މާކެޓިން ހަރަކާތްތައް އިތުރުކޮށް ރާއްޖެ މާކެޓްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ހާމަކޮށްފައެވެ.