ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވް 61 މިލިޔަން ޑޮލަރަށް އިތުރު ކުރެވިފައިވާ ކަމަށް މަރުކަޒީ ބޭންކް އެމް.އެމް.އޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމް.އެމް.އޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޯގަސްޓް މަހު ރަސްމީ ރިޒާވް ވަނީ އިތުރުވެފައެވެ. އެގޮތުން ބޭނުންކުރެވޭ ރިޒާވުގައި ޖުލައި މަހުގެ ނިޔަލަށް ހުރީ 45 މިލިޔަން ޑޮލަރުކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ނަމަވެސް މިއަދަދު މިދިޔަ މަހު 61.22 މިލިޔަން ޑޮލަރަށް އިތުރުވެފައިވެއެވެ. މިއީ ޖުލައި މަހާއި އަޅާބަލާއިރު 36 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއާއެކު ދައުލަތުގެ ޖުލްމަ ރިޒާވް މިދިޔަ މަސް ނިމުނުއިރު ހުރި މިންވަރު ވަނީ އިތުރުވެފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ 7 މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 395 މިލިޔަން ޑޮލަރެވެ. ނަމަވެސް މިއަދަދު އޯގަސްޓް މަސް ނިމުނުއިރު 444 މިލިޔަން ޑޮލަރަށް އިތުރުވެފައިވެއެވެ.
ދައުލަތުގެ މާލީއްޔާ ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން އެމްއެމްއޭއިން ވިދާޅުވީ ކޯވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތަކާއި ގުޅިގެން އެމްއެމްއޭއާއި މާލީ ވުޒާރާއާއެކު 2019 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރެވޭ ޑޮލަރު އެމް.އެމް.އޭ އަށް މާރުކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގައި ހިމަނާފައިވާކަމަށެވެ. ނަމަވެސް މިހާރު މިބައި ނުލާ ބޭނުން ކުރާ ރިޒާވް ދަނީ ވަކިން ބަލަހައްޓަމުންނެވެ.
ސަރުކާރުން ހަވާލުވިއިރު އެސްޑީއެފްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން މާރުކުރުމުގެ ސަބަބުން ހުރީ އެންމެ 5 މިލިޔަން ޑޮލަރުކަމަށް މަރުކަޒީ ބޭންކުން ހާމަކުރެއެވެ. ނަމަވެސް މި އަދަދު މިހާރު 65 މިލިޔަން ޑޮލަރަށް މާރު ނުކޮށް ބެހެއްޓުމުން އިތުރުވެފައިވާކަން އެމް.އެމް.އޭއިން ފާހަގަކުރައްވައެވެ. އަދި، ބޭނުންކުރެވޭ ރިޒާވުގެ އަދަދު ހިމަނައިގެން، މިއަހަރު ފުރަތަމަ 7 މަސް ނިމުނު އިރު 105 މިލިޔަން ޑޮލަރު ހުރިކަމުގައި އެމްއެމްއޭއިން ވިދާޅުވެއެވެ. ސަރުކާރުން ލަފާކުރަނީ އެސްޑީއެފް އަދި ބޭނުންކުރެވޭ ރިޒާވް ހިމެނޭހެން މިއަހަރުގެ ނިޔަލަށް 606 މިލިޔަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސަރުކާރާއި މަރުކަޒީ ބޭންކު ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު 400 މިލިޔަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ޤާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މިހާރު މި އެއްބަސްވުން އޮތީ ސޮއިކުރުމުގެ މަރުހަލާގައިކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
ސަރުކާރުން ދަނީ ދައުލަތުގެ މާލީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށް ރިޒާވް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ދައުލަތުން ދައްކަން ޖެހޭ ފައިސާތައް ދެއްކި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.