ޚަބަރު

"5 މިސްކިތެއް ޔުނެސްކޯ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑު"


  • ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށަހަޅާފައިވަނީ ޖަނަވަރީގައި

  • އިވެލުއޭޝަން ޓީމުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ވިދާޅުވި

އަންނަ އަަހަރު ރާއްޖޭގެ ހިރިގަލުގެ 5 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑު ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމްއާ ގުޅިގެން ގެނެސްދޭ އަހާ ފޯރަމުގެ 9ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ މިސްކިތެއް ހިމެނުމަށް މަސައްކަތްކުރަމުންދާތާ 13 އަހަރު ވެފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ މަހުވެސް ރާއްޖޭގެ ބައެއް ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔުނެސްކޯއިން މިތަކެތި ބަަލައިގެންފައިވާ ކަމަށް ވުޒާރާއަށް އަންގާފައިވާ ކަމަށްވެސް ވަޒީރު ހީނާ ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން މިހާރު ޔުނެސްކޯގެ އިވެލުއޭޝަން ޓީމެއް ރާއްޖެއަށް އައިސް، މި ތަންތަން ބަލައި، އެރަށްރަށުގެ ރައްޔިތުންނާ ވާހަކަދައްކާ އަދި ކަމާބެހޭ މުއައްސަސާތަކާ އެކީގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މިހާރު އިވެލުއޭޝަން މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ 2027ވަނަ އަހަރުގެ ފަހުކޮޅު މިތަންތަަން ލިސްޓުގައި ހިމެނިގެންދާނެ ކަމަށް. މިކަމުގެ ސަބަބުން އެ މިސްކިތްތައް ނިސްބަތްވާ ރަށްތަކަށާއި، ދިވެހި ރާއްޖޭގެ އިގުތިޞާދަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ. ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ތަރިކަ ބަލައިގަންނާނެ. މިމިސްކިތްތައް ބަަލަން އަންނަ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެ،" ވަޒީރު ހީނާ ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ދިވެހި ބަހަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ވަނީ އިޝާރާތްކުރައްވާފައެވެ. އެގޮތުން ދިވެހި ބަހުގެ އެކަޑަމީއަކީ ދިވެހި ބަސް ދިރުވާ އާލާކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އިދާރާކަން ފާހަގަކުރައްވާ ވަޒީރު ހީނާ ވިދާޅުވީ، ބަހުގެ އެކަޑަމީން ތަފާތު އެކި މުބާރާތްތައް އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަމަށެވެ. ވާހަކަދެއްކުމުގެ މުބާރާތްތަކާއި، ޅެން ހެދުމުގެ މުބާރާތްތައްފަދަ ތަފާތު އެކި އަދަބީ މުބާރާތްތައް ކޮންމެ އަހަރަކުވެސް ގައުމީ ފެންވަރުގައި ބާއްވަމުންދެއެވެ.

މީގެ އިތުރުން، އިތުރު ބަސްތައް ހިމެނޭގޮތަށް ދިވެހި ބަހުގެ ރަދީފު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިންމާލާ، އައު ރަދީފެއް ލޯންޗުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އީޖާދީ ގޮތެއްގައި ބަސް ކުރިއެރުވުމަށްޓަކައި އެކި ފަރާތްތަކާއި ގުޅިގެން ތަފާތު އެކި ދިރާސާތައް މިހާރުވެސް ކުރަމުންދާ ކަމަށާއި، ބަހުގެ ހެކަތަން އަދި ބަހާއި ގުޅޭ މައުރަޒެއް ބޭއްވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބަހުގެ ގަވައިދުގެ ފޮތެއް އެކުލަވާލުމުގެ މަސައްކަތްތައް މިހާރުވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، މި ފޮތުގެ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ބަސް ދިރުވާ އާލާކޮށް، ބަސް އުވިޔަ ނުދީ އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ތަފާތު އެކި ޕްރޮގްރާމުތައް ދަނީ ހިންގަވަމުންނެވެ. ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މުޖުތަމައުގެ ފެންވަރުގައި އަދި އާއިލީ ފެންވަރުގައިވެސް މަސައްކަތް ކުރުން މުހިންމު ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ވަޒީރު ވަނީ ވިދާޅުވިއެވެ.