ޚަބަރު

"މިދިޔަ އަހަރާއި އެއްވަރަށް މިއަހަރުވެސް ފަތުރުވެރިން އަންނާނެ"


  • މިދިޔަ އަހަރު ރާއްޖެއަށް 2.275 މިލިޔަން ފަތުރުވެރިން އައި

  • އެވިއޭޝަން ސަލަމާތީ މިންގަނޑު މަތިވުމުން އިތުރު އެއަރލައިންތައް ދަތުރު ފެށި

ފަތުރުވެރިކަން ދަށްވެގެން ދިޔަ 3 މަހާއެކުވެސް މިއަހަރު ނިމޭއިރު މިދިޔަ އަހަރާއި އެއްވަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން ވަނީ މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އަހަރުކަން ފާހަގަކުރައްވާފައެވެ.

އަހާ ފޯރަމުގައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ދަށްވުމާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ވަނީ ފަތުރުވެރިން އައި އަދަދު މިދިޔަ އަހަރު ރަނގަޅުވި ސަބަބު ހާމަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، އިތުރުވުމުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލަމާތީ މިންގަނޑު މަތިންވުން ހިމެނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް 2024 ވަނަ އަހަރު ސިވިލް އޭވިއޭޝަނަށް ބަދަލުތަކެއް ގެނެވި ސަލާމަތީ މިންގަނޑު މަތިކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސަލަމާތީ މިންގަނޑު ބަލާ އައިކާއޯ އޮޑިޓުން ރާއްޖެ ކުރިއެރުން ހޯދި ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސް ނިންމެވި ނިންމެވުމާއި ކުރެވުނު މަސައްކަތުން، ހެޔޮ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު ކުރީ ކޮޅު އައިކާއޯ އޮޑިޓް ނިމިގެންދިޔައިރު، %79.6 ލިބިގެންދިޔަ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެން ދިޔައީމަ ވަރަށް ގިނަ ޔޫރަޕުގެ ކެރިއާސްތައް އައުމާއެކީގައި މިދެންނެވި 2.275 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އައިސްގެން ދިޔަ." ވަޒީރު އަމީން ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މިއަހަރު ފެށިގެން ފުރަތަމަ ދެ މަހު ސަރުކާރުން އަމާޒު ހިފިގޮތަށް ޖަނަވަރީ އަދި ފެބުރުވަރީ މަހު ކުރިއެރުން ހޯދި ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމާއެކު މާރިޗު އެޕްރީލް އަދި މޭ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު، 24 އިންސައްތަ ދަށްވި ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުން ގުޅިގެން ކުރި މަސައްކަތުން މިއަދަދު މިހާރު 1.3 އިންސައްތަށް ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރުގެ ފޯކާސްޓަކީ މިދިޔަ އަހަރާއި ގާތްގަނޑަކަށް ހަމަކުރެވޭނެއޭ މިއަހަރު ނިމޭއިރު. އެއަށްތުރު ކުޑަތަންކޮޅެއް ވީއްޔާ ވާނީ ރަނގަޅު އަޅުގަނޑަށް ފެންނަ ގޮތުގައި. އެގޮތަށް ނިންމާލެވިއްޖެއިއްޔާ އެއީ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ އަޅުގަނޑުމެންނަށް އެކަނި ދިމާވި ކަމެއް ނޫން. އެކަމަކު މި ރިކަވަރީ ދުނިޔޭގައި މިސާލެއްގެ ގޮތުގައި ފެނިވަޑައިގަންނަވާނެ ވަރަށް ގިނަ ބޭފުޅުންނަށް. އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ. " ވަޒީރު އަމީން ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއަށް 1.6 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރީއްޔާ ވަނީ ނިންމަވާފައެވެ.