ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ ޖުލައި މަހުގެ 31ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތުހުމަތުވާ މީހުންގެ ތެރެއިން ކޯޓުން މިއަދު ދޫކޮށްލި މީހާ، ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ މި އެކްސިޑެންޓާއި ގުޅިގެން ފިލިކަމުގެ ތުހުމަތުވާ، މ. ލޭންޑް އޮފް ގަރޑްން، އިބްރާހިމް އިކްރާމް ދޫކޮށްލުމަށް ހައި ކޯޓުން ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހައިކޯޓުން އޭނާ ދޫކޮށްލަން ނިންމި ނިންމުމުގައި ވިދާޅުވީ އޭނާއަށް ވަކީލަކު އައްޔަންކޮށްފައިވަނީ ވަކީލަށް ހާޒިރުވާނެ ފުރުޞަތު ނުލިބޭގޮތަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އެހެންވެ އޭނާ ތަހުގީގު ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރަކީ ވަކީލެއްގެ ފުރުޞަތު ނުދީ ނެރުނު އަމުރަކަށްވާތީ އެ އަމުރު ބާތިލުކުރުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ދާޚިލީ ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެކަން ހިނގިގޮތް ތަހުގީގުކޮށް އިހުމާލުވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
Miakan hingi goiyy thahugeegukoh ihumaaleh vefaivaanama emeehakah nuvatha bayakah emme harukashi fiyavalhu elheyne. Dhookolli meeha court amurehgge dhashun alun hayyarukurumah @PoliceMv in dhany masahkaiyy kuramun. https://t.co/z0LkZrWUz7
— Minister of Homeland Security & Technology (@min_mohst) September 1, 2024
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލްނުވެ ގޮސް ޖެހިފައިވަނީ މަގުމަތީގައި ޕާކުކޮށްގެން މީހަކު އިން ސައިކަލެއްގައެވެ. އެ އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއްވެފައެވެ.
މި މައްސަލައިގައި އިބްރާހިމް އިކްރާމްގެ އިތުރުން އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްގައެވެ. އެއީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާނާއި އާޒާރުގެ ގއ. ކަނޑުހުޅުދޫ ޖިނާހް އިސްމާއިލެވެ.