ޚަބަރު

"ފިޗް" އިން ރާއްޖޭގެ ރޭޓިން "ސީސީ" އަށް ބަދަލުކޮށްފި


ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް "ފިޗް"އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ "ސީސީސީ" އިން "ސީސީ" ގްރޭޑިންގއަށް ބަދަލުކޮށްފިއެވެ.

މިކަން ހާމަކޮށް، "ފިޗް"އިން ބުނީ މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް، މިއަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާކަމަށެވެ.

އެރިޕޯޓްގައި ރާއްޖޭގެ ބޭރުގެ ދަރަނި ހުރި މިންވަރުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޖުމްލަ ބޭރުގެ ދަރަނި 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ އެ ޢަދަދު 1 ބިލިއަން ޑޮލަރަށް އިތުރުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.

ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތައްކަމަށް ފިޗުން ގަބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ އިތުރުވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްތަކަށް ކުރާ ޚަރަދު ބޮޑުވުން ފާހަގަކުރެއެވެ. އަދި މީގެ ސަބަބުން ޑޮލަރުގެ ޑިމާންޑު ބޮޑުވެފައިވާކަން ފިޗްއިން ފާހަގަކުރެއެވެ.

ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ޙާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާރޓްނަރުންނާއި އެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްސް ހެދުމަކީވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށް ބުނެފައިވެއެވެ. ހަމައެޔާއެކު އިގްތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ހާމަކޮށްފައި ވެއެވެ.

"ފިޗް"އިން މިގޮތަށް ބުނި އިރު، މި މަސައްކަތްތައް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ. މިގޮތުން، މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ އެކަށައަޅައި މަޖިލީހަށް ހުށައަޅައި ތަންފީޒުކުރަން ފަށާފައިވެއެވެ. މީގެ އިތުރުން، އިންޑިއާ އަދި ޗައިނާއަށް އަދަކުރަންހުރި ލޯނުތައް ރޯލްއޯވަރކޮށްދެމުންދާކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.

މި މަސައްކަތްތަކާއެކު މި ހާލަތުން އަރައިގަނެވި، ޒަމާނުއްސުރެން ހައްލުކުރަންޖެހި ނަމަވެސް ހައްލެއް ނުލިބިވާ ނިޒާމީ އެތައް މައްސަލަތަކެއް ހައްލުވުމުގެ ލުއިކަން ލިބިގެންދާނެކަން ސަރުކާރުން ވިދާޅުވެއެވެ.