ޚަބަރު

ސެންޓްރަލް ޖަލާއެކު ބޮލަކަށް ޖެހޭ ޚަރަދު ކުޑަކުރެވޭނެ: ވަޒީރު އިޙްސާން


  • މިހާރު ބޮލަކަށް 27000 ރުފިޔާ ޚަރަދުވޭ

  • ސެންޓްރަލް ޖަލާއެކު ބޮލަކަށް ޖެހޭ ޚަރަދު 17000 ރުފިޔާއަށް ކުޑަކުރެވޭނެ

ހުރިހާ ޖަލުތަކެއް އެއްކޮށްލައި ސެންޓްރަލް ޖަލެއް ހެދުމަށް ނިންމާފައިވާ ކަމަށާއި އެއާއެކު ބޮލަކަށް ޖެހޭ ޚަރަދު ކުޑަކުރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ، ޖަލު ހިންގުމަކީ ވަރަށް ޚަރަދުބޮޑު ކަމެއް ކަމަށާއި މަހެއްގެ މައްޗަށް ބޮލަކަށް 27000 ރުފިޔާ ޚަރަދުވާ ކަމަށެވެ. މިކަން ހައްލުކުރުމަށް ދިރާސާކޮށް ސެންޓްރަލް ޖަލެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ސެންޓްރަލް ޖަލު ޤާއިމުކުރުމަށް ނިންމާފައިވަނީ މާލެއާ ކައިރިން މިހާރު ހިއްކަމުންދާ ސަރަޙައްދެއްގައި ކަމަށެވެ. އެތަން 3 އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެ ޖަލާއެކު ޚަރަދުކުޑަކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެތަން ހެދި ތިން އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ޚިދުމަތަށް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިކުރިއަށްދަނީ. އެ ހިސާބުން ބޮލަކަށް ޖެހޭ ޚަރަދު ގާތްގަނޑަކަށް 17000 ރުފިޔާއަށް ކުޑަކުރެވެގެންދާނެ ކަމަށް އަޅުގަނޑުމެންގެ މިހާރުގެ ހިސާބުކިތާބުތަކުން ދައްކަނީ. އަޅުގަނޑުމެން ކުރާ އުއްމީދަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކޮށް ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން،" ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލާ، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުންކަމަށް ދާޚިލީ ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ސެންޓްރަލް ޖަލެއް ހެދިނަމަވެސް، އެކި ކަހަލަ ކުށްތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުންދާނެ ކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ޖަލު ވެގެންދާނީ ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިޓޭޝަން ފަރުވާ ގައިދީންނަށް ދެވޭނެގޮތަށް ފަރުމާކުރާ ތަނަކަށްކަމަށެވެ.