ޚަބަރު

ކަންބޮޑުވާ ހުރިހާ މައްސަލައެއްގެ ހައްލު ލިބެން އޮތީ ޤައުމިއްޔަތު އިއާދަކުރެވިގެން: މެޑަމް ސާޖިދާ


  • ފިކުރެއް ޚިޔާލެއް ނެތް ޖީލުތަކެއް އުފެދިފައިވާތީ ކަންބޮޑުވާކަމަށް ވިދާޅުވި

  • އުފެއްދުންތެރި، މަސައްކަތްތެރި ސިކުނޑިތަކެއް ނެތުމަކީވެސް ކަންބޮޑުވުމެއްކަމަށް ވިދާޅުވި

މިއަދު ދިވެހި ރައްޔިތުން ކަންބޮޑުވާ ހުރިހާ މައްސަލައެއްގެ ހައްލު ލިބެން އޮތީ ދިވެހި ޤައުމިއްޔަތު އިއާދަކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ޕްރިޒަންސް އިން މާފުށީ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރި "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މިއަދު ދިވެހި މުޖުތަމަޢު ކަންބޮޑުވަނީ ފިކުރެއް ޚިޔާލެއް ނެތް ޖީލުތަކެއް އުފެދިފައިވާތީ ކަމަށެވެ. އަދި އުފެއްދުންތެރި، މަސައްކަތްތެރި ސިކުނޑިތަކެއް ނެތުމާއި، ގަޑިއަށް ފަރުވާތެރިވެ މަސައްކަތުގައި ދެމިތިބޭ ޒިންމާދާރު ޒުވާނުންތަކެއް ފެންނަން ނެތުމަކީވެސް ކަންބޮޑުވާ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދިވެހިންގެ ސަގާފަތާއި ތަރިކައިން ފެނިގެންދަނީ އެފަދަ އެއްވެސް އިޖުތިމާޢީ ބަލިމަޑުކަމެއް ނެތް، ފުދުންތެރި ރާއްޖެއެއް ކަމަށެވެ. އެހެންކަމުން މިއަދު ދިވެހިން ކަންބޮޑުވެފައިވާ ހުރިހާ ކަމަކަށް އޮތް ހައްލަކީ ދިވެހި ޤައުމިޔަތު އިއާދަކުރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މިއަދު ނޫސްތަކުން ފެންނަނީ ދިވެހިން ކުރަމުން އައި ހުރިހާ މަސައްކަތެއް، އަދި އޭގެ މާލީ މަންފާ ބޭރުގެ މީހުންގެ އަތްމައްޗަށްގޮސް އެމީހުން ކާންދިން އެއްޗެއް ކާންޖެހޭ ހިސާބަށް ހާލަތު ގޮސްފައިވުމުން ފަވާލެވޭ ހިތާމަވެރި ސުރުޚީތައް. އެކަމަކު ހަމަ މިހާލަތުގައި ތިބެފައި ދިވެހީންގެ އިހުގެ ސަގާފަތައް އެނބުރި ބަލާލުމުން ފެންނަ ސާފު މަންޒަރަކީ މިފަދަ އިޖުތިމާޢީ ބަލިމަޑުކަމެއް ނެތް ފުދުންތެރި، ފަޚުރުވެރި ދިވެހިރާއްޖެއެއް،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ ސިޔާސަތެއް އެކުލަވައިލެއްވުމުގައި މުހިންމު މަޤްޞަދުތަކާއި މަންފާތަކެއް ހުރިކަމެއް ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ވާހަކަފުޅުގައި ދިވެހި ސަގާފަތާއި ތަރިކައިގެ މައްޗަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސަގާފަތާއި ތަރިކައިގެ މާނަ ދަރިވަރުންނަށް ރަނގަޅަށް ހާމަވެފައިނުވާ ކަމަށާއި އެކަންކަން އެނގުން މުހިންމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.