ޚަބަރު

އާސަންދަގެ އިސްރާފުތައް ކަނޑާލައި، ބޭނުންޖެހިފައިވާ މީހާއަށް ދެވޭއެއްޗެއްކަން ޔަޤީންކުރަނީ


  • 2023 އަހަރު އާސަންދައަށް 1.8 ބިލިއަން ޚަރަދުކޮށްފައިވޭ

  • 2024 އަށް އާސަންދަ ބަޖެޓު 1.9 ބިލިއަން ރުފިޔާ ކަނޑައަޅާފައި

އާސަންދައަކީ ސިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމެވެ. މިހާރު އޮންނަ ގޮތުން އާސަންދަ ޚިދުމަތް އެއްވެސް އިސްތިސްނާކުރުމެއްނެތި މުއްސަންޖަކަސް ނިކަމެއްޗަކަސް، ހަމަ ކޮންމެ ދިވެއްސަކަށް ލިބިދެއެވެ. އެހެންނަމަވެސް މިހާރު އޮތް ނިޒާމު އެގޮތުގައި ބާއްވައިގެން ރާއްޖެ ފަދަ ޤައުމަކަށް ދެމެހެއްޓެނިވިގޮތެއްގައި މިޚިދުމަތް ދިގު މުއްދަތަކަށް ދެވޭނެގޮތެއް ނެތްކަމީ ޤަބޫލުކުރަންޖެހޭ ހަގީގަތެވެ.

ދައުލަތުން އާސަންދަ ފޯރުކޮށްދިނުމަށް ކުރަމުންދާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާއިރު މިދިޔަ އަހަރުވެސް 1.8 ބިލިއަން ރުފިޔާ އާސަންދައަށްވަނީ ހޭދަކޮށްފައެވެ. އަދި މިއަހަރު އާސަންދައަށް 1.9 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. އަހަރުން އަހަރަށް އާސަންދައަށް ކުރަންޖެހޭ ހޭދަ އެތައް ގުނައެއް އިތުރުވަމުންދާއިރު، ދެމެހެއްޓެނިވިގޮތެއްގައި މި ނިޒާމު ކުރިއަށްގެންދިއުމަށް މިނިޒާމު ހަރުދަނާކުރުމަކީ ދައުލަތުގެ ބަޖެޓަށް ބޮޑުވަމުންދާ ބުރަކުޑަކުރުމަށް ކޮންމެހެން ކުރަންޖެހޭކަމެކެވެ.

ޤައުމީ ސިއްޙީ އިންޝުއަރެންސްގެ ނިޒާމަކީ ޚަރަދު ބޮޑު އަދި އިސްރާފުގެ ބައިވެސް ބޮޑު ނިޒާމެއްކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިނިޒާމު އިސްލާޙުކޮށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އަޅުވާ، ސިއްޙީ ފަރުވާ ހޯދުމަށް ދައުލަތުގެ އެހީއަށް ކޮންމެހެން ބޭނުންވާ ފަރާތްތަކަށް އެއެހީ ފޯރުކޮށްދިނުމަށްޓަކައި އިންޝުއަރެންސްގެ ޤައުމީ ނިޒާމަށް އިސްލާޙީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުވަނީ ނިންމަވާފައެވެ.

އާސަންދަ އިސްލާޙުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އޮކްޓޫބަރު މަހު ފަށްޓަވާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. މިމަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީގު ވިދާޅުވީ، އާސަންދައަކީ ހުރިހާ ރައްޔިތުންނާއި ގުޅިފައިވާކަމެއްކަމުން އެކަމުގައި ގޮތްތަކެއް ނިންމާނީ ސީދާ ރައްޔިތުންނާއި މަޝްވަރާކޮށް ރައްޔިތުންދެކޭ ގޮތަށް ބަލައިގެންކަމަށެވެ. އެގޮތުން މިމަސައްކަތުގައި ސަރުކާރުން އެންމެ އިސްކަމެއްދެއްވައިގެން ފިޔަވަޅުތަކެއް އަޅުއްވާނީ އާސަންދައިންކުރެވޭ އިސްރާފު ކުޑަކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ބޮޑު ޢަދަދެއް ބޭނުންވާ މީހުން އެބަތިބި ވަރަށް ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ. އެހެން ފަރާތެއްގެ އެހީތެރިކަމަށް ބޭނުންވާ މީހުން އެބަތިބި. އެހެންނަމަވެސް މިހާރު އާސަންދަ ޚިދުމަތްދެވޭއިރު މިއިންނަނީ އެއްވެސް ތަފާތެއް ނެތި. އާދައިގެ ނިކަމެތި މީހާވިޔަސް އެންމެ މުއްސަނދި މީހާއަށްވެސް ލިބޭގޮތަށް. އެންމެ ރަނގަޅު މައުލޫމާތު ނޭނގޭ މީހާއަށް އާސަންދައިން ޢާއްމުކޮށް ދެރަގޮތް މެދުވެރިވެފައި އޮންނަނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އާސަންދައިގެ ދަށުން ކުރެވޭ އިސްރާފުތައް ދެނެގަނެ ބޮޑެތި ދާއިމީ ބަލިތަކަށް ބޮޑެތި ހޭދަތައް ކުރަންޖެހި ދައުލަތުގެ އެހީއަށް އެދޭ ފަރާތްތަކަށް ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ނަހަމަގޮތުގައި އާސަންދައިގެ ބޭނުން ކުރަމުންދާ ދިމަދިމާ ހުއްޓުވުމަކީވެސް މިގޮތުން ކުރާނެ މުހިންމުކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިތުރު އިންޝުއަރެންސެއް އޮންނަ މީހެއްކަމުގައިވާނަމަ އެމީހަކަށް އާސަންދަ ލިބޭނީ އެއިންޝުއަރެންސްއަކުން ކެނޑުމަށްފަހުގައިކަމަށް ސަރުކާރުންވަނީ ކުރިން ވިދާޅުވެފައެވެ.