ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ބީއެމްއެލުން ނިންމި ނިންމުން ބަދަލު ކުރުމަށް ލަފާ ދެއްވީ އެ ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން މިހެން ވިދާޅުވީ ބީއެމްއެލްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓަށް ގެނައި ބަދަލާގުޅޭގޮތުން ނެރުއްވި ބަޔާނެއްގައެވެ.
މަރުކަޒީ ބޭންކުން ވިދާޅުވީ ބީއެމްއެލްގެ ކާޑުގެ ޕޭމަންޓް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން އެ ބޭންކު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމަށެވެ. އަދި ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައި އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން ބީއެމްއެލްއާއެކު މަޝްވަރާކޮށްފައިވާކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.
ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ބީއެމްއެލުން ފާހަގަކޮށްފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އެގޮތުން، ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާގެ ސަރޕްލަސް ލިކުއިޑިޓީ އިތުރުވުމަކީ ކާޑުގެ މުއާމަލާތް އިތުރުވި ސަބަބެއް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވިގޮތުގައި ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސަރޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލް ކަމަށާއި ސަރޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާކަންވެސް އެމްއެމްއޭއިން ފާހަގަކުރައްވައެވެ.
ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގައިކަން ފާހަގަކުރައްވައި އެމްއެމްއޭއިން ވިދާޅުވީ މިއަދަދު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގައި ކަމަށެވެ.
އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު 307 މިލިއަނަށް އިތުރުވެފައިވާކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ. މިއަހަރުވެސް އެ އަދަދު އިތުރުކޮށްފައިވާއިރު މީގެ ތެރެއިންވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށެވެ.
ބީއެމްއެލްގެ އިތުރުން ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބައެއް އެހެން ބޭންކުތަކުންވެސް ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައި އެމްއެމްއޭއިން ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދެވޭނެ ކަމަށެވެ.
މީގެ އިތުރުން ފައިނޭންޝަލް ސެކްޓާއަށް ދިމާވެފައިވާ ނިޒާމީ ބައެއް މައްސަލަތަކަށް ޒަމާނީ ހައްލުތައް ގެނައުމުގެ މަސައްކަތް ކުރަމުންގެންދަވާ ކަމަށާއި މި ބަދަލުތައް ވެގެންދާނީ ރާއްޖޭގައި ފޮރިން ޑިރެކްޓް އިންވެސްޓްމަންޓަށް ފަހި މާހައުލެއް އުފެދިގެންދާނެ ފަދަ ބަދަލުތަކަށް ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.