ފަތުރުވެރިކަމުގެ ދާއިރާއިން އެއްހާސް މީހުން ތަމްރީނުކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ށ. މިލަންދޫ ކައުންސިލާއެކު ސޮއިކުރައްވައިފިއެވެ.
މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އަށްހާސް މީހުން ތަމްރީނުކުރެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ ޕްރޮގްރާމްގެ ދަށުން ށ. އަތޮޅުން އެއްހާސް މީހުން ތަމްރީން ކުރެއްވުމަށް ށ. މިލަންދޫ ކައުންސިލުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. މިއަދު ޝީ ބިލްޑިންގައި އޮތް ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމްއެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުއެވެ. އަދި ށ. މިލަންދޫ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ފާއިޒްއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، މިލަންދޫ ކައުންސިލާ އެއްގޮތަށް އެހެން ކައުންސިލްތަކުންވެސް މިފަދަ ކަންކަމަށް އިސްނަންގަވަންޖެހޭކަމަށެވެ. އަދި ޒުވާނުން ބާރުވެރިކުރައްވައި، މުޖުތަމަޢުގައި ބޭނުންތެރި ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ލިބެމުންދާނަމަ އެކަމުން ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ވަޢުދެއްކަމަށްވާ ފަސްއަހަރުގެ މި ދައުރުގައި ފަންސާސް ރިސޯޓް ހުޅުވިގެންދާއިރު މި ރިސޯޓްތަކަށް ބޭނުންވާ ތަޖުރިބާ ހުރި ދިވެހި މުވައްޒަފުން ބޭނުންވާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މިފަދަ ތަމްރީން ޕްރޮގްރާމެއް ހިންގެވުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ހަރުދަނާ، މަސައްކަތުގެ ތަޖުރިބާ ހުރި ޒުވާނުން ލިބުމަށް ހުޅުވޭ ދޮރެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.
ހިލޭ ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމާ ބެހޭގޮތުން މިލަންދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ފާއިޒް ވިދާޅުވީ، އެކައުންސިލުން ތަމްރީންކުރާ އެއްހާސް މީހުންނަށް ވަޒީފާ ނުވަތަ މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އަދި ދާދި އަވަހަށް ޤައުމީ ޔުނިވާސިޓީއާއި އެކައުންސިލުން އެމްއޯޔޫއެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފާއިޒް ވިދާޅުވިއެވެ.