ފާއިތުވި 29 އަހަރު ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލުތަކުގައި އިތުރުވެފައިވަނީ އެންމެ 130 އެނދު ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުލް ރައްޒާޤު ހަލީމް ވިދާޅުވެއްޖެއެވެ.
އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމް މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ހިއްސާކުރެއްވި މަޢުލޫމާތުގައެވެ. އޭނާވަނީ މާލެ ސަރަހައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލުތަކުގައި ހުރި ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ ކަންކަން ހިއްސާ ކުރައްވާފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމް ވިދާޅުވީ 1995 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގެ އާބާދީއަށް ބޮޑު ބަދަލެއް އައިނަމަވެސް އެއާބާދީއާ އެކަށީގެންވާ އަދަދަށް އެނދު އިތުރުކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން، 1995 ވަނަ އަހަރު އައިޖީއެމްއެޗްގައި 186 އެނދު ހުރިއިރު މިއަހަރުގެ މިހާތަނަށް އައިއިރު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ގާއިމުވެފައިވަނީ އެންމެ 316 އެނދު ކަމަށް ވިދާޅުވިއެވެ. މިއީ އިމަރޖެންސީ އާއި އައިސީޔޫގައި ބޭނުންކުރާ އެނދުގެ އިތުރަށް ބަލި މީހުން ބައިތިއްބަން ބޭނުންކުރާ އެނދުތަކެވެ.
އަބްދުލް ރައްޒާޤު ވިދާޅުވީ އެނދުގެ ދަތިކަން ހުރުމުގެ ސަބަބުން އިމަރޖެންސީ ރޫމުގައިވެސް ބަލި މީހުން އެދުމަތިކޮށްގެން ފަރުވާދޭން ޖެހިފައިވާ ކަމަށެވެ.
"ހޮސްޕިޓަލް ތަރައްގީވެ، ހޮސްޕިޓަލުގެ ޑޮކްޓަރުން ތަރައްގީވެ މުވައްޒަފުން އިތުރަށް ހޯދާ، ސްޕެޝަލައިޒްޑް ޚިދުމަތްތައް ތައާރަފުކޮށްގެންދާއިރު އެކަށީގެންވާވަރަށް އެނދު ނުލިބުމުން ގޮންޖެހުން ދިމާވޭ. އެޕޮއިންޓްމަންޓް ލިބުމުގައި ދަތިތައް ދިމާވާ ވާހަކަ އަޑުއަހާނެ ތިބޭފުޅުން. އެކަން އަވަސްކުރަން މަސައްކަތް ކުރިނަމަވެސް އެނދު ނެތުމުން ގޮންޖެހުންތައް ދިމާވާނެ،" މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމް ވިދާޅުވިއެވެ.
އެނދުގެ ދަތިކަން ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި އަބްދުލް ރައްޒާޤު ވިދާޅުވީ މިއަހަރު ތެރޭގައި އައިޖީއެމްއެޗްގައި 70 އެނދު ގާއިމުކުރެވޭނެ ކަމަށެވެ. އަދި ވިލިމާލޭގައި 1000 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު އަންނަ އަހަރުގެ ކުރީ ކޮޅުގައި އެ ހޮސްޕިޓަލުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އައިޖީއެމްއެޗް އަޕްގްރޭޑް ކުރުމުގެ މަޝްރޫއާއި އެ ހޮސްޕިޓަލު ހުރި ބިމުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކެންސަރ ހޮސްޕިޓަލާއެކު 650 އެނދު އިތުރުކުރެވޭނެ ކަމަށާއި ހުޅުމާލެ ހޮސްޕިޓަލް ހުންނަ ގޯތި ތެރޭގައިވެސް އިތުރު އިމާރާތްތައް އެޅުމަށް ނިންމަވާފައިވާ ކަމަށްވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމް ވިދާޅުވިއެވެ.