ޚަބަރު

ރާއްޖެއާއެކު އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް ސަޢޫދީގެ އިސްވެރިންނާއެކު މަޝްވަރާތަކެއް


  • ވިޔަފާރިއާއި ފަތުރުވެރިކަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވި

ރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭ މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސަޢޫދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސަޢޫދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ ޤައުމުގެ އިންވެސްޓްމަންޓް މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަރާއި ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް ފޯ އިންޓަރނޭޝަނަލް ރިލޭޝަންސް އާއި އެ ޤައުމުގެ ސެންޓަރަލް ބޭންކުގެ ގަވަރުނަރާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ސައުދީގެ އިންވެސްޓްމަންޓް މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަރ އިބްރާހިމް ބިން ޔޫސެފް އަލްމުބާރަކްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. މި ބައްދަލުވުމުގައި ވަޒީރު ޒަމީރު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ސައޫދީން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި. އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ސައުދީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް ފޯ އިންޓަރނޭޝަނަލް ރިލޭޝަންސް ޚާލިދު ބަވާޒިއަރއާއެކު ޚާރިޖީ ވަޒީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ސައުދީގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އައިމަން އަލް ސަޔާރީއާއެކު ޚާރިޖީ ވަޒީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ފަތުރުވެރިކަމުގެ ދާއިރާ އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ޚާރިޖީ ވަޒީރު ސައޫދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ސައޫދީގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ސައުދީގެ ރިޔާޛުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއިން ބޭރުން ތައުލީމް ހާސިލުކުރުމާއި އެހެނިހެން މަސައްކަތްތަކުގައި ކުރިއަށްދިއުމަށް ވިހާވެސް ގިނަ ދިވެހީންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.