ބިދޭސީންގެ ފީ ޤަވާއިދުން ނުދައްކާ ކުންފުނިތަކުން ފީދެއްކުމަށް ދިން ފުރުސަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުން، ދައުލަތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް މުހުލަތެއްދީ އެ ފަރާތްތަކުގެ ލިސްޓު ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ނެރުނީ މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހުއެވެ. އަދި ފުރަތަމަ މުހުލަތެއްގެ ގޮތުގައި ދިނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.
އެގޮތުން ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ 1000 އަށް ވުރެ ގިނަ ފަރާތުގެ ނަމާއި، އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ހިމެނޭ ލިސްޓެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެއްވިއެވެ. މީގެ ތެރޭގައި އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ކުންފުނިތަކާއި ވަކިވަކި ފަރުދުންވެސް ހިމެނެއެވެ.
މިމައްސަލާގައި އެ ވުޒާރައިން ބުދަ ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މުއްދަތު ހަމަވިއިރު ޖުމްލަ 182،954،572 (ސަތޭކަ އައްޑިހަ ދެ މިލިއަން ނުވަ ލައްކަ ފަންސާސް ހަތަރުހާސް ފައްސަތޭކަ ހަތްދިހަ ދެ) ރުފިޔާ ރިކަވަރ ކުރެވިފައިވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މިހާތަނަށް 453 މިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުލިބިވާކަމަށްވެސް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ފީތައް ނުދައްކާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ދާޚިލީ ވުޒާރާއިން ވަނީ އިތުރު މުހުލަތެއް ދީފައެވެ. އެގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ފީއަކާއި ޖޫރިމަނާ ދައުލަތައް ދައްކައި ޚަލާސްކުރުމަށް އެ ވުޒާރައިން ވަނީ އަންގާފައެވެ. އަދި އެގޮތަށް ޢަމަލު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ. އެގޮތުން އެކްސްޕެޓް ސިސްޓަމުން ދެމުންއަންނަ ޚިދުމަތްތައް މެދުކަނޑާލައި ނިޒާމް ބޭނުން ކުރުމުން އެފަރާތްތައް ސަސްޕެންޑް ކުރެވޭނެކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން އާންމުކުރި ލިސްޓުން ދައްކާ ގޮތުގައި 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު މިލިއަނަކަށްވުރެ ގިނައެވެ. ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށް ވުރެ މައްޗަށް އަރައެވެ.
ސަރުކާރުން ދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި، އެ ބިދޭސީންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރިކޮގްނިޝަން ނަގައި ބިދޭސީމީހާ ދެނެގަތުމާއި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.