ޚަބަރު

ރާއްޖެއިން ޕާކިސްތާނަށް ކަނޑައެޅުއްވި އައު ސަފީރުގެ ފަތްކޮޅު އަރުވައިފި


  • ފަތްކޮޅު އެރުވުން އޮތީ ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު އެއިވާން އެ ސަދްރުގައި

ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޠާހާ، ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ، އެކަމަށްޓަކައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ރިޔާސީ ގަނޑުވަރު އެއިވާން އެ ސަދްރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ އަލަށް ސަފީރު ކަމާއި ހަވާލުވެވަޑައިގެންނެވި ތާޙާއަށް މަރުހަބާ ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ސަފީރު ޠާހާ ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި އަދި ދިވެހި ރައްޔިތުންގެ ފަރާތުން ޕާކިސްތާނުގެ ރައީސްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ދެއްވާފައެވެ. އަދި ދެ ޤައުމު ދެމެދު އޮތް ޒަމާންވީ ގާތްގުޅުން ދަމަހައްޓައި ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ޕާކިސްތާނު ރައީސަށް އެރުވިއެވެ. މީގެ އިތުރުން ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް އެހާ އަވަހަށް ހަމަޖައްސަވައި ދެއްވީތީ ސަފީރު ވަނީ ޕާކިސްތާނުގެ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ

މި ބައްދަލުވުމުގައި ޕާކިސްތާނުގެ ރައީސް ވަނީ ސަފީރުގެ މަސައްކަތައް އެޤައުމުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

ޕާކިސްތާނުގެ ރައީސަށް ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސެކަންޑް ސެކެރެޓަރީ އިސްމާޢީލް މުފީދާއި އައިޝަތު ޔަސްމީންގެ އިތުރުން ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްވައިޒަ ކާނަލް އިދްރީސް ބަދީޢު ބައިވެރިވެވަޑައިގެންނެވިއެވެ.