އަމާޒަކީ އިންޑިއާއާއި ރާއްޖެއާދެމެދު މިހާރު ގުޅުން ބަދަހިކޮށްފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުންވެސް ގުޅުންތައް ބަދަހިކުރުންކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެއެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމައި އެކަމުގެ ލިޔުން ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކުރެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިކޮށްފައިވަނީ ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާ މަންފާ ލިބޭނެފަދަ ގޮތަކަށް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ދާއިރާތައްކަމުގައިވާ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ޢިމާރާތްކުރުމުގެ ދާއިރާއާއި ދިފާޢީ ދާއިރާފަދަ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށްފައިވާކަން ޖަޔަޝަންކަރު ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ މި ދާއިރާތަކުގެ އިތުރުންވެސް އެހެން ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުންކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރާއްޖެއަށް އެހީވަމުން މިގެންދަނީ މި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމަށް. އެގޮތުން ލޯނުގެ އެހީއާއި ބަޖެޓު ސަޕޯޓާއި މީހުން ބިނާކުރުންފަދަ އެހީތައް އިންޑިއާ ސަރުކާރުން ރާއްޖެއަށްވޭ. އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށްވާ އެހީތަކުގެ ފައިދާ މިހާރު ދަނީ ފެންނަމުން" ޑރ. ޖަޔަޝަންކަރު ވިދާޅުވިއެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ރާއްޖެއަކީ މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމަކަށްވުމުން އިންޑިއާއިން އިސްކަންދެނީ ތިމާވެށްޓާ ރައްޓެހި އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި ގޮތަކަށް މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ކަމަށެވެ.
އެގޮތުން މިއަދު ހަވާލުކުރެވުނު 28 ރަށުގެ މަޝްރޫޢަކީ މިހާތަނަށް ބޭރުގެ އެހީއާއެކު ރާއްޖޭގައި ތިމާވެށްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދެވުނު އެންމެ ބޮޑު މަޝްރޫޢުކަން އިންޑިއާގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. ޑރ. ޖަޔަޝަންކަރު ވިދާޅުވީ ފެނުގެ ނިޒާމު ހިންގުމަށް ބޭނުންވާ ކަރަންޓުގެ ބޮޑު ބައެއް ބޭނުންކުރާނީ އިޢާދަކުރަނިވި ހަކަތަ ކަމަށެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ފައްޓަވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
އަދި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިޔަ 6 މަޝްރޫޢެއްގެ ނިމުން ފާހަގަކުރައްވާ، ރާއްޖޭގައި ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަށް ގަހެއްވެސް އިންދަވާފައިވެއެވެ.