ބްރިޖުން ޓޯލް ނުވަތަ ފީއެެއް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "މާލެފަހި" ޕްރޮގްރާމްގެ ތެރެއިން ސިނަމާލޭ ބުރިޖުން ޓޯލް ފީއެއް ނެގުމަށް ހިމަނާފައި އޮތުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ "މާލެފަހި" ޕްލޭންގައި ބްރިޖުން ޓޯލްއެއް ނުވަތަ ފީއެއް ނެގުމާމެދު ދިރާސާއެއް ކުރުމަށް ހިމަނާފައިވަނީ އެކަމުގެ ފަންނީ ލަފާއެއް އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ. އަދި ބްރިޖުން ފީއެއް ނަގަން ފަންނީ ލަފާ ދެއްވިނަމަވެސް އެފަދަ ކަމެއް ސަރުކާރުން ކުރާނީ މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމި، އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ޙައްލުވެ، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުންކަމަށެވެ. އަދި އޭގެ ކުރިން ބްރިޖުން ޓޯލް ނުވަތަ ފީއެއް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ސިނަމާލޭ ބުރިޖުން ޓޯލް ފީ ނެގުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން. ރޭގައި އިޢުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އަޅުގަނޑަށް އެރުވުމުގެ ނިޔަތުގައި. އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް،…
— Dr Mohamed Muizzu (@MMuizzu) July 25, 2024
ސިނަމާލެ ބްރިޖުން ޓޯލް ނެގުމަށް ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ހަޤީޤަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާއިރު، މިދިޔަ ރިޔާސީ އިންތިހާބުގެ މިފަދަ ވާހަކަތަކެއް ވަނީ ފަތުރާފައެވެ. އެގޮތުން ރައީސް މުއިއްޒުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖުން ފީއެއް ނަގާނެކަމަށް ބުނެ ބައެއް ފަރާތްތަކުން އޭރު ވަނީ ވާހަކަތަކެއް ފަތުރާފައެވެ،
އެ ވާހަކަތަކާއި ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 29 ވަނަ ދުވަހު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހުންނެވި، ރައީސް ޑރ. މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައިވެސް ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދިި އެފަދަ ހަޤީޤަތާއި ހިލާފު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބައެއް ޤައުމުތަކުގައި ބޮޑެތި ހައިވޭތަކާއި ބްރިޖުތައް ބޭނުންކުރާ ފަރާތްތަކުން ޓޯލް ނުވަތަ ފީއެއް ދައްކަންޖެހެއެވެ. މިއީ މައިގަނޑު ގޮތެއްގައި އެ ތަންތަނުގެ މަރާމާތުގެ މަސައްކަތަށް ހިނގާ ހަރަދުތައް ފޫބޭއްދުމުގެ ބޭނުމުގައި ނަގާ ފީއެކެވެ.
އެތައް މިލިއަން ޑޮލަރެއްގެ ޚަރަދުކޮށްގެން ބިނާކޮށްފައިވާ ސިނަމާލެ ބްރިޖަކީ މިވަގުތު ރާއްޖޭގައި އޮތް ހަމައެކަނި ބްރިޖު ނަމަވެސް، އިތުރު ބްރިޖުތަކުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މާލެއާއި، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ބްރިޖެއް ދަނީ ބިނާކުރަމުންނެވެ. މީގެއިތުރުން އައްޑޫ ސިޓީގައިވެސް ބްރިޖެއްގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.