ޚަބަރު

އެޗްއާރުސީއެމްގެ މެންބަރަކަށް ޙަބީބު އައްޔަންކުރަން މަޖިލީހަށް


  • ޙަބީބު ވަނީ 21 އަހަރަށްވުރެ ގިނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ޚިދުމަތް ކުރައްވާފައި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ހަބީބް އަބްދުއްރަޙީމް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ ލިސްޓުގައި ރައީސް އިސްކަންދެއްވާފައިވަނީ އެޗްއާރުސީއެމަށް އިސްމާޢީލް ޙަބީބު ޢައްޔަންކުރެއްވުމަށެވެ.

އެޗްއާރުސީއެމްގެ މެންބަރަކު އައްޔަން ކުރެއްވުމަށް ހުޅުވާލީ އެ ކޮމިޝަނުގެ މެންބަރު ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވެވި އިސްމާޢީލް ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އެގޮތުން، ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްގެ މަގާމު ޙަބީބު ވަނީ ފުރުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޙަބީބު ވަކިވެވަޑައިގެންނެވީ މެންބަރުކަމުގެ ދެ ދައުރު ހަމަވުމާ ގުޅިގެން މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.

މަޖިލީހުން ވަނީ އެޗްއާރުސީއެމްގެ މެންބަރުކަމަށް އިސްޟާޢީލް ޙަބީބު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުއްވާފައެވެ.

އެޗްއާރުސީއެމްގައި ޖުމްލަ 5 މެންބަރުން ތިއްބަވައެވެ. މިހާރު އެކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް މަރްޔަމް މުނާއާއި، މެންބަރުންގެ ގޮތުގައި ތިއްބެވި މުއުމިނާ ވަޙީދާއި، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާގުގެ އިތުރުން ސަމާޢު އަޙްމަދު ނަޖީބެވެ.