ވިޔަފާރި

އޭޕްރީލްމަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު %20 އިތުރުވެއްޖެ


ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަޝްރޫޢާއެކު ރާއްޖެއަށް މިދަނީ އިޤްތިޞާދީ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ. އެގޮތުން މި މަޝްރޫއުއާއިއެކު ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ މިންވަރު އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު، މިއަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ވަނީ، 20 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ، 2.6 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ އެޕްރީލްމަހު މި ޢަދަދު ވަނީ، 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއަހަރުގެ އެޕްރީލްމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ލިބިވަޑައިގެންނެވި ޢާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 11 އިންސައްތައަށް އިތުރުވެފައެވެ.

ފާއިތުވެދިޔަ އެޕްރީލް މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 209.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ދިޔަ އަހަރުގެ އެޕްރީލް މަހު ލިބިފައިވަނީ، 188.7 މިލިއަން ރުފިޔާއެވެ.

މި ދިޔަ މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު އިތުރުވެފައިވަނީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތަށް އެތެރެކުރި ސާމާނާއި ދިވެހި އަސްކަރިއްޔާއަށް ގެނައި ހެލިކޮޕްޓަރާއި އޭގެ ބައިތަކުގެ އަގު ބޮޑުބައެއް ޙިއްޞާކޮށްފައިވާތީކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ވިދާޅުވެއެވެ. އެޕްރީލް މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ބްރިޖުގެ ބޭނުމަށް ސާމާނު ގެނައި ޤައުމުތައް ކަމަށްވާ އިންޑިޔާ އަދި ޗައިނާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

އިންޑިޔާއިން ގެނައި މުދަލުގެ އަގު ވަނީ، 552.6 މިލިއަން ރުފިޔާއަށް އަރާފައެވެ. ޗައިނާއިން ގެނައި މުދަލުގެ އަގު 466.2 މިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. މިދިޔަ މަހު ތިންވަނައަށް އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ ސިންގަޕޫރުން 385.5 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

ފާއިތުވެދިޔަ އެޕްރީލް މަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ވަނީ ދޭއް އިންސައްތައަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ، 394.6 މިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރުގެ އެޕްރީލް މަހު މި ޢަދަދު ވަނީ، 388.6 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ.