ޚަބަރު

ސްކޮޓްލަންޑް ބަލިކުރުން ނޫން ގޮތެއް ނެތް: ރޮސީ


"
ސްކޮޓްލެންޑަކީ ވަރަށް ފިޒިކަލް ޓީމެއް، އެ ޓީމުން ކުޅެނީ ވެސް ޑައިރެކްޓް ފުޓްބޯޅައެއް
ހަންގޭރީގެ ކޯޗު މާކޯ ރޮސީ

ޔޫރޯ 2024 ގެ ގްރޫޕް އޭ ގައި މިރޭ ސްކޮޓްލެންޑްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރީން، ހަންގޭރީގެ ކޯޗު މާކޯ ރޮސީ ބުނީ، މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ނަތީޖާ ނިކުތްގޮތުން ސްކޮޓްލެންޑް ބަލިކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.

ރޮސީ ބުނީ، ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ މުހިއްމުކަން އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ދެ ޓީމަށް ވެސް އަނެއް ބުރަށް ދަތުރުކުރުމުގެ އުއްމީދެއް އޮތީ އެ މެޗު ކާމިޔާބުކޮށްގެން ކަމަށެވެ.

ސްކޮޓްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ކަންތައް ދިމާވިގޮތުން (ކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމުން) އެނަލައިޒް ކުރަން އުނދަގޫ ކަމަށާއި، ސްވިޓްޒަލޭންޑްއާ ދެކޮޅަށް އެމީހުންގެ ކުޅުން ފެނިގެންގޮސްފައިވާ ކަމަށް ރޮސީ ބުންޏެވެ.

ރޮސީ ވަނީ މެޗުން މޮޅުވާ ޓީމެއް ކަނޑައެޅިގެންދާނީ 50-50 ބޯޅަތަކުން ކަމަށާއި، ބޯޅަ ހިފަހައްޓައިގެން އުޅޭ ވަގުތުތަކާއި ނެތް ވަގުތުތަކުގައި ވެސް ކުޅެން ޖެހޭނީ ކޮމްޕެކްޓްކޮށް ކަމަށް ބުނެފައެވެ.

މެޗުގެ ކުރިން ހަންގޭރީގެ ޑިފެންޑަރު، އަތީލާ ސަލާއި ބުނީ، ސްކޮޓްލެންޑްގެ ކުޅުމާއި އެމީހުންގެ ވަރުގަދަކަން އެނގޭ ކަމަށާއި، އެގްރެސިވްކޮށް ކުޅެ އެމީހުންނަކީ އަތުގައި ބޯޅަ އޮތަސް ނެތަސް ވަރަށް ބުރަކޮށް މަސައްކަތްކޮށް ކޮމްޕެކްޓް ޑިފެންސެއްގައި ކުޅެ، ކައުންޓާ އެޓޭކުތަކާއި ސެޓްޕީސްތަކުގެ އިތުރުން ހުރަސްތަކުން ވެސް ނުރައްކާކުރާ ޓީމެއް ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްކޮޓްލެންޑްއާ ދެކޮޅަށް ހަންގޭރީ ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.