ޚަބަރު

ހިޔާގެ ބްލެކްމެއިލް މައްސަލަ: ޖިނާޢީ އެތައް ކުށެއްގެ ހާއްޔެއް


  • މި މައްސަލައިގައި ޖުމްލަ 7 މީހަކު ހައްޔަރުކުރި

  • ބައެއް ފަރާތްތަކުން ކަންހިނގާފައިވާ ގޮތާއި ޚިލާފަށް ބަޔާން ދޭކަން ފުލުހުން ފާހަގަކުރޭ

ހުޅުމާލެ ހިޔާގެ އެޕާޓްމެންޓަކަށް މީހުން ގެންގޮސް ބްލެކްމެއިލްކޮށް ފޭރޭ މައްސަލައިގައި ހިމެނޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެކަން ކުރަމުން ދިޔަ ގޮތް ފުލުހުން ހާމަކޮށްފިއެވެ.

މި މައްސަލައިގެ ތަފްސީލު ފުލުހުން ހާމަކޮށްފައިވަނީ، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން ފުލުހުން ވަނީ މިކަމުގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށް، ތަޙުޤީޤުގެ ތެރެއިން ފާހަގަކުރެވުނު މުހިންމު ކަންކަން ހިއްސާކުރައްވާފައެވެ.

މި މައްސަލައާ ގުޅުންހުރި ކޭސްތަކެއް 5 ފަހަރެއްގެ މަތިން ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ ޖެނުއަރީ މަހު އެއް މައްސަލަ، އެޕްރީލް މަހު 3 މައްސަލަ، އަދި މޭއި މަހު 1 މައްސަލައެވެ. އަދި މިކަމަކީ ދުރާލާ ރޭވިގެން ހިނގަމުންދިޔަ އޮޕަރޭޝަނެއްގެ ގޮތުގައި ފުލުހުން ސިފަކުރެއެވެ. އެހެން ކަމުން ފުލުހުންގެ ތަހުޤީޤުވެސް އެގޮތަށް ބިނާކޮށްގެން ހިންގަމުންދާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

މައްސަލައިގައި ޖުމްލަ 7 މީހަކު ހައްޔަރުކޮށްފައިވޭ!

• މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ، (24އ)
• ދަފްތަރު ނަމްބަރު 1835، އާޔަތު އައްބާސް، (30އ)
• ގއ. ދާންދޫ، ޕެލަސް ހައުސް، މުހައްމަދު އާދަމް، (43އ)
• ގ. ކަނދުމާގެއާގެ، ސަމާހް އަލީ، (31އ)
• ދ. ކުޑަހުވަދޫ، ސަންފްލާވާ، މުހައްމަދު މުނީރު، (35އ)
• ނ. ވެލިދޫ، ހިފާޒު، އަހުމަދު މާޖިދު، (33އ)

މި 6 މީހުންގެ އިތުރުން މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު އެ އެޕާޓްމަންޓަށް އޮޅުވާލައިގެން މީހަކު ގެންގޮސް ބަރަހަނާކޮށް ބްލެކްމެއިލް ކުރި މައްސަލައަކާ ގުޅިގެން މއ. ސީނަރީވިއު، އަހުމަދު މަދީހު، (34އ)، ހައްޔަރުކުރިއެވެ. ނަމަވެސް ފަނަރަ ދުވަހަށް ބަންދުކުރުމަށްފަހު އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއެންމެންނަކީ ކުށުގެ ރިކޯޑު ކުރިންވެސް އޮތް މީހުންކަން ފުލުހުން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންނަށް ހުށަހެޅި ބްލެކްމެއިލް ކުރުމުގެ މައްސަލައިގައި އިސްކޮށް އުޅެނީ ހުމެއިނާ ޒަކަރިއްޔާ އަދި އާޔަތު އައްބާސްކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި އާމިނަތު ހުމައިނާ ޒަކަރީއްޔާ ބަނޑުބޮޑު މީހަކަށް ވުމުން ސިއްޙީ ހާލަތައް ރިއާޔަތްކޮށް ވަނީ ދޫކޮށްލާފައެވެ.

ހުޅުމާލެ 2 ގެ ޕޮލިސް ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ، ހިޔާ ފްލެޓުގެ H5-03-18 އެޕާޓްމަންޓަށް މަކާރާއި ހީލަތުން މީހުން ގެންގޮސް ބަރަހަނާކޮށް ބްލެކްމެއިލް ކުރުމާއި އެތަކެއް ޖިނާޢި ކުށެއް އެ އެޕާޓްމެންޓުގައި ހިންގާފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތަހުޤީޤަށް އެއްކުރެވުނު މައުލޫމާތު އެނގުނު ގޮތުގައި، ހިޔާ ފްލެޓު H5-03-18 އެޕާޓްމަންޓުގައި ދިރިއުޅޭ ބަޔަކާއި، އަދި އެއެޕާޓްމެންޓަށް ވަދެ ނުކުމެ އުޅޭ ބަޔަކު ގުޅިގެން އެތަނުގެ ތެރޭގައި ހަށިވިއްކުމާއި އޮޅުވާލައިގެން އޮޅުވާލައިގެން މީސްމީހުން އެތަނަށް ގެންގޮސް ބަރަހަނާކޮށް އެމީހުން ބަރަހަނާ ވީޑިއޯ ނަގާ ބްލެކްމެއިލްކޮށް ފައިސާ ހޯދުމާއި މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރުން ފަދަ ޤާނޫނާއި ޚިލާފު އެތައް ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވޭ." ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ހިމެނޭ ފަރާތްތަކުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ގުޅުން ބަދަހިކޮށް އޮޅުވާލައިގެން އެޕާޓްމެންޓަށް ގެންދާކަން ތަހުޤީޤަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ފުލުހުންނަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ބަޔާން ދީފައިވަނީ، ބިރު ދައްކައިގެން ގަދަކަމުން އެޕާޓްމެންޓަށް ގެންދާކަމަށް ނަމަވެސް ސީސީޓީވީ ފުޓޭޖުތަކުން ކަން ހިނގީ އެގޮތަށް ނޫންކަމަށް އެނގޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަން ފުލުހުންގެ ތަހުޤީޤުން ފާހަގަވާ ހިސާބުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވުމާއި، މައްސަލަ އަނބުރާ ނެގުމަށް މަސައްކަތް ކުރުމާއެކު، މިކަމުގެ ސަބަބުން ތަހުޤީޤަށް ގޮންޖެހުންތައް ކުރިމަތިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

"މި މައްސަލަތަކުގައި ވިކްޓިމައިޒްވާ ފަރާތްތައް މައްސަލަ ހުށަހަޅާއިރު އަސްލުކަން ހިނގާފައިވާ ގޮތާއި ޚިލާފަށް ފުލުހުންގެ ތަހުޤީޤުގައި އަދި މީސްމީޑިއާގައި އެފަރާތްތަކުން ވާހަކަ ދައްކައި ބަޔާން ދިނުމަކީ މިމައްސަލަތައް ތަހުޤީޤު ކުރުމުގައި އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމެއްކަން ފާހަގަކުރަން." ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ އެޕާޓްމެންޓަކީ ހުމައިނާގެ މައިންބަފައިންގެ ތެރެއިން މީހަކަށް ލިބިފައިވާ އެޕާޓްމެންޓެކެވެ. އަދި މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އެ އެޕާޓްމެންޓު ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން އެޕާޓްމެންޓު ތެރޭ ތަކުރާރުކޮށް ޖިނާޢީ ކުށްތަކަށް އަރައިގަންނަމުންދިއުމާއެކު އެޗްޑީސީ މެދުވެރިކޮށް މިކަމަށް އެޅޭނެ ފިޔަވަޅެއް ބަލަމުންދާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފުލުހުން ވަނީ މި މައްސަލައިގައި އިތުރު ބަޔަކުވެސް ޝާމިލްވާކަމަށް ތުހުމަތު ކުރެވޭތީ އެ މީހުންވެސް ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ.