ރަފަޙްގައި ފޭލިގެތައް ޖަހާފައިހުރި ކޭމްޕަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުގެ ފައުޖުން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ކުށްވެރިކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބައިނަލްއަގުވާމީ ޖިނާޢީ ކޯޓުގެ ހުކުމަށް ޔަހޫދީ ދައުލަތުން އަމަލުކުރަން ޖެހޭނެ ކަމަށާއި އެއްވެސް ޤައުމެއް ބައިނަލްއަގުވާމީ ގޮތުން ހަދާފައިވާ ޤާނޫނުތަކަށްވުރެ މަތި ނުވާނެ ކަމަށެވެ. އަދި ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރާއި ދިވެހިންގެ ނަމުގައި ގޮވާލައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޔަހޫދީންގެ އަނިޔާވެރިކަން ހުއްޓާލުމަށްފަހު ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށް ގޮވާލައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް ޑިވެލޮޕިންގ ސެޓޭޓްސް، ސިޑްސް މަހާސިންތާގައި ވެސް ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ދުނިޔާގެ ލީޑަރުން ތެދުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ނަސްލެއް ނައްތާލުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ގަތުލްއާއްމު ވަގުތުން ހުއްޓާލުމަށް ސިޑްސްގގެ ޤައުމުތަކުގެ ލީޑަރުން ގުޅިގެން ގޮވާލަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ 40 އަށްވުރެ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ރަފަޙުގައި ރެފިއުޖީންގެ ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ.
އެ ސަރަޙައްދަކީ ޙަމަލާތަކުން ރައްކާތެރި "ސޭފް ޒޯން" އެއްކަމަށް، ޔަހޫދީ އިސްރާއިލުން ބައިނަލްއަޤްވާމީ ދުނިޔެއަށް ދައްކަމުންދާ ސަރަޙައްދެކެވެ.