ކުށްކޮށްގެން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމާއި ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސިސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު އޮތް ގޮތުން ކުށުގެ ތެރެއިން ދައުލަތައް ގެއްލިދާ ފައިސާ އަނބުރާ ހޯދުމުގެ އެއްވެސް ބާރެއް އަދި މަސްޢޫލީއްޔަތެއް އެކޮމިޝަނަށް މިހާރު ނޯންނަ ކަމަށެވެ. އަދި ކޮމިޝަނުގެ ޒިންމާއަކީ އެކަން ހިނގިގޮތް ބަލާ އެ ފައިސާ އަނބުރާ ހޯދުމުގައި ޒިންމާވާ ފަރާތްތަކަށް އެކަން އެންގުންކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެގޮތަށް އަންގާފައި ހުރި އެންގުންތައް ތަންފީޒުވެފައިވާ މިންވަރު ބަލައި ފިޔަވަޅު އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"ކުރިއަށްއޮތްތާގައި އަޅުގަނޑުމެން އެގޮތަށް އަންގާފައި ހުރި އެންގުންތަކަށް ބަލައި، މުއައްސަސާތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ވިސްނުމެއް އަޅުގަނޑުމެން މިހާރު މިގެންގުޅެނީ. އެގޮތަށް ޢަމަލު ކުރުމުގައި، ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އެ ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ފައިނަލް މަރުޙަލާގައި އަޅުގަނޑުމެން މިތިބީ" އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.
މިދިޔަ ފަސް އަހަރު ތެރޭގައި އޭސީސީއިން ބަލައި ތަހުޤީޤުކޮށް ނިންމާފައިވާ މައްސަލަތަކުގައި 263 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެކޮމިޝަނުން ވަނީ މުއައްސަސާތަކާއި އިދާރާތަކަށް އަދި ކުންފުނިތަކަށް އަންގާފައެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 15 މައްސަލައަކުން 50 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީން ވަނީ އިދާރާތަކަށް އަންގާފައެވެ. އޭގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ 234،531.57 ރުފިޔާ ކަމަށް އޭސީސީގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިގޮތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް އޭސީސީން ވިދާޅުވިއެވެ. އެގޮތުން އެކަމަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
"ގެއްލިދާ ފައިސާ އަނބުރާ ދައުލަތައް އިޔާދަކުރުމުގެ ވަރުގަދަ ނިޒާމެއް އެބަ ބޭނުންވޭ. އަޅުގަނޑުމެން އެ ދައިރާގެ ދިރާސާއެއް މިދިޔަ ދެ އަހަރުތެރޭ ކޮށްފައިވާނެ. އަދި ގުޅުން ހުރި މުއައްސަސާތައް އޭގެ މައްޗަށް އަމަލު ކުރާނެ ނިޒާމެއް ޤާއިމްކޮށް، އޭގެ މޮޑެލް ޤާނޫނެއް ތައްޔާރުކުމުގެ އެންމެ ފަހު މަރުހަލާގަ މިތިބީ. އެ މަސައްކަތް ކުރުމަށް ފަހު އެ ޤާނޫނާއި ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރުމުގެ މަޝްރޫޢުއެއް ހިންގާނަން." އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގައި އެކި ފެންވަރުގައި މަސައްކަތްތަކެއް ކުރިވިފައިވެއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން އެސެޓް ރިކަވަރީ ކޮމިޝަނުގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފެއްދިއެވެ. ޤާނޫނީ ބާރު ދީފައި އުފެއްދި އެ ކޮމިޝަނަށް ނަތީޖާއެއް ނުނެރެވި އެންމެ ފަހުން ވަނީ އުވާލާފައެވެ.