ކޮންމެ ވެރިޔަކުވެސް ވެރިކަމާ ހަވާލުވެވަޑައިގަންނަވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާއި ސަރުކާރާ އޮންނަ ގުޅުން އިތުރަށް ގާތް ކުރުމުގެ ވަޢުދުފުޅާއެކުގައެވެ. ނަމަވެސް ފަސް އަހަރުގެ ދައުރު ނިންމާލައްވާއިރު ބޮޑަށް ފެނިގެންދަނީ މާލެ ސަރަހައްދަށް އިސްކަންދެއްވާކަމެވެ. އަތޮޅުތަކުގެ ރައްޔިތުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައްދަލުކޮށްލެވެނީ މަދު ފަހަރެއްގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ 6 މަސްދުވަހުގެ ތެރޭގައި ވަނީ އެކަން ބަދަލުކޮށްލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ނިންމެވި އެންމެ މުހިއްމު ނިންމެވުމަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ގޮތުން ރަށްތަކަށް ޒިޔާރަތް ކުރައްވައި އެ ރަށްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށެވެ. މިއީ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް ދަތުރު ހަދައިގެން މާލެ އައުން ނިމުމަކަށް ގެނުވި ނިންމުމެކެވެ.
މިސަރުކާރު ވެރިކަމާއި ހަވާލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 168 ކައުންސިލަކާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. މިއީ ވެރިކަމުގެ މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ރައީސަކު މިހާ ގިނަ އަދަދެއްގެ ކައުންސިލްތަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި ރައްޔިތުން ތަމްސީލްކުރާ ކައުންސިލްތަކުގައި ހުރި ކަންބޮޑުވުންތަކާއި ރަށާއި ރައްޔިތުންގެ ކަންބޮޑުވުންތައ އޮޅުންފިލުއްވައެވެ. އަދި އެކި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ރައްޔިތުންގެ ހުންނަ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވައެވެ. މި ބައްދަލުކުރެއްވުންތަކުގެ ސަބަބުން ހުރިހާ ރަށެއްގެ ކަންކަން ބާރަށް ކުރިއަށްގެންދިއުމަށް މަގުފަހިވެ ކަންކަން ހައްލުކުރުމަށް ފަސޭހަވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ކުރީ ސަރުކާރުން ރަށްތަކުގައި ކުރިއަށްގެންދަން ފެށި މަޝްރޫއުތައް ހުއްޓިފައި އޮތުމަކީ ރައީސާ ބައްދަލުކުރެއްވި ގިނަ ކައުންސިލްތަކުގެ ކަންބޮޑުވުމެކެވެ. އެކަންބޮޑުވުންތަކަށް ހައްލު ހޯއްދަދެއްވައި ހުއްޓިފައި ހުރި ގިނަ މަޝްރޫއުތަކުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.
ހަ މަސްދުވަހުގެ ތެރޭގައި ކައުންސިލްތައް ބާރުވެރިކުރުވައި ރަށްތަކުގެ ތަރައްގީއަށް އޮތް ހުރަސްތައް ނައްތާލުމަށް ވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށައިފައެވެ. ލޭންޑް ޔޫސްޕްލޭނަކީ ކޮންމެ ރަށެއްގެވެސް ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު އެއްބަޔަށްވާއިރު އެކަން ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ޝަކުވާ އަބަދުވެސް ކައުންސިލްތަކުން ކުރެއެވެ. ނަމަވެސް މިހާރު އެލްޖީއޭއިން ވަނީ ކައުންސިލްތަކަށް މި ޕްލޭން ތައްޔާރުކުރުމުގައި އެހީވުމަށް ފަންޑު ހަމަޖައްސައިދިނުމަށް ނިންމަވާފައެވެ.
މީގެ އިތުރުން އިހުތިސާސްގެ ބޭރުން ފަޅުރަށްތައް ލިބޭނެގޮތް ވެސް އަދުގެ ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. މިއީ ރަށްތަކުގެ އިގްތިސާދު ކުރިއަރުވައި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށް ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް ކައުންސިލްތަކުން ގަބޫލުކުރެއެވެ.
ރަށުފަތުރުވެރިކަމަކީ ވެސް ރާއްޖޭގައި މިހާރު މަގުބޫލުވަމުން އަންނަ ކަމަކަށްވާއިރު އެ ކަމުން ދައުލަތަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް އެ ރަށެއްގެ ކައުންސިލަށް ލިބޭގޮތަށް ޤާނޫނު އިސްލާހު ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މި ހުރިހާ ކަމަކަކުން ވެސް ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަކި ސަރަހައްދެއް އިސްނުކުރައްވާ، މުޅި ރާއްޖެއަށް ހަމަހަމަކަމާއެކު ތަރައްގީ ގެންނެވުމަށް ދެއްވާ އިސްކަމެވެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ވިދާޅުވި ބަސްފުޅު އަމަލުން ދައްކަވާކަމެވެ.