ޚަބަރު

ސިންގަޕޫރުގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ


  • ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި

  • ވިޔަފާރިއާއި އިންވެސްޓްމަންޓް ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައި އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް ދާއިރާއިން ދެ ޤައުމަށް ފައިދާވާގޮތަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ލޮރެންސް ވޮންގގެ ބޮޑުވަޒީރު ކަމުގައި ސިންގަޕޫރާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ލޮރެންސް ވޮންގަކީ ސިންގަޕޫރަށް މިނިވަންކަން ލިބުނުފަހުން އެ ޤައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ހަތަރުވަނަ ބޭފުޅާއެވެ. އެމަނިކުފާނު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވަނީ 20 އަހަރު ދުވަހު ބޮޑުވަޒީރުކަން ކުރައްވާފައިވާ ލީ ޝިއަން ލޯންގ އެ މަގާމުން ވަކިވެވަޑައިގެންނެވުމަށް ނިންމެވުމާ ގުޅިގެންނެވެ.