ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި އދ. ގެ އާންމު މަޖިލީހުން އެ ދުވަސް ކަނޑައެޅީ 1993 ގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ މިއީ 30 ވަނަ އަހަރެވެ.
ޒަމާނަށް އައިސްފައިވާ ބަދަލުތަކާއި ޓެކްނޮލޮޖީގެ ގޮތުން މިއަދު މިދެކޭ ކުރިއެރުންތަކާއެކު ދުނިޔޭގައި ހިނގާ ކަންކަމާއި އަމިއްލަ ޤައުމުގައި ހިނގާ ކަންކަން އެނގުމަކީ މާ އުނދަގޫ ކަމަކަށް މިާހރުނުވޭއެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ކޮންމެ މީހަކަށް ވެސް ވަގުތުން ވަގުތަށް ޚަބަރާއި މައުލޫމާތު އެކަކު އަނެކަކާ ހިއްސާ ކުރެވެއެވެ. ނަމަވެސް އެ ޚަބަރާއި މައުލޫމާތުގެ ސައްޙަކަން އަދިވެސް ކަށަވަރު ކުރެވެނީ ނޫސްވެރިންގެ ސަބަބުންނޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ނޫސްވެރިންނަކީ ތެދުވެރިކަމާއެކު ޚަބަރާއި މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ބުރަ ޒިންމާއާ ހަވާލުވެގެން ތިބި ބައެކެވެ. މިއާއެކު ރައްޔިތުންނާ ހަމައަށް ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންގެ ޒިންމާ މިއަދު މިވަނީ އިތުރަށް ބޮޑުވެފައެވެ.
ތެދުވެރިކަމާއެކު ސައްޙަ މައުލޫމާތާއި ޚަބަރު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނީ ނޫސްވެރިކަމުގެ މިނިވަކަން ކަށަވަރު ކުރެވިގެންނެވެ. ސިޔާސީ އެކި ފަރާތްތަކާއި ވިޔަފާރިވެރިންގެ ނުފޫޒުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅި ރައްޔިތުންގެ އިތުބާރު މީޑިއާތަކަށް ގެއްލެމުންދާ މަންޒަރު ވެސް މިއަދު ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ ފެންނަމުންނެވެ.
ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރަމުންދަނީ މިނިވަންކަމާއެކު ޒިންމާ އަދާކުރުމުގައި ނޫސްވެރިންނަށް ހުންނަ ގޮންޖެހުންތައް ހިއްސާކޮށް ސަރުކާރުގެ ސަމާލުކަމަށް އެކަންކަން ގެނައުމުގެ ބޭނުމުގައެވެ. ރާއްޖޭގައިވެސް ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް އަދިވެސް ގޮންޖެހުންތައް އެބަހުއްޓެވެ.
ރާއްޖޭގެ މީޑިއާތައް ހިންގުމުގައި މާލީ ގޮތުން އުފުލަން ޖެހޭ ބުރައަކީ ކޮންމެ މީޑިއާއެއްގެ ވެސް ކަންބޮޑުވުމެވެ. ރާއްޖޭގައި ޕްރައިވެޓް މީޑީއާތައް އިތުރުވެ، އެމީޑިއާތަކުގެ އޮފީސް ހިންގުމަށް ކުލީގެ ގޮތުގައި ބޮޑު ހޭދައެއް ކުރަން ޖެހޭއިރު މުވައްޒަފުންނަށް ކުރާ ޚަރަދުތައް ވެސް އެހާ ގިނައެވެ. މާލީ ބާރުވެރިކަމެއް ނުވަތަ މިނިވަންކަމެއް ލިބިފައިވާ އަމިއްލަ މީޑިއާއެއް ރާއްޖޭގައި ނެތޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.
މީޑިއާތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ވަނީ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން މީޑިއާތަކަކީ މާލީގޮތުން ބާރުވެރިވެފައިވާ ބަޔަކަށް ހެދުމަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މީޑިއާތަކުގެ އޮފީސްތައް ހިންގުމަށް "މީޑިއާ ވިލެޖެއް" ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. މީގެ ސަބަބުން ކުއްޔާއި މުވައްޒަފުންގެ ޚަރަދަށް މީޑިއާތަކުން އެހެނިހެން ފަރާތްތަކަށް ބަރޯސާވުން ނިމުމަކަށް އައިސް މާލީގޮތުން މިނިވަންކަން ލިބިގެންދާނެއެވެ.
ޚަބަރު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެއްވެސް ބިރުވެރިކަމެއް ނޫސްވެރިންނަށް އޮވެގެން ނުވާނެއެވެ. މީޑިއާތަކުން ފަތުރާ ޚަބަރުތަކުގެ ސަބަބުން މީޑިއާތަކަށާއި ނޫސްވެރިންނަށް އިންޒާރުތައް ދިނުމަކީ އަދިވެސް މަދުން ނަމަވެސް ރާއްޖޭގައި ފެންނަ ކަމެކެވެ. ކާކުކަން ނޭނގޭ އެކައުންޓުތަކުގެ ފަހަތުގައި ތިބެގެން އިންޒާރު ދިނުމުގެ މައްސަލަތަކެއް ދާދިފަހުން ވެސް ވަނީ ފެންމަތިވެފައެވެ.
މީޑިއާތަކަށް އެއްވެސް ބިރުވެރިކަމެއް ނެތި ރައްޔިތުންނާ ހަމައަށް ޚަބަރު ފޯރުކޮށްދެވޭނެހެން ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. އެކަމުގެ ނަމޫނާ މިފަހުން ވަނީ ފެނިގެންގޮސްފައެވެ. ރާއްޖޭގެ ދެ މީޑިއާއަކަށް ކާކުކަން ނޭނގޭ ބަޔަކު ދިން އިންޒާރު ފިނިގޮތަކަށް ނެގުމުގެ ބަދަލުގައި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަނީ ބަލަން ފަށާފައެވެ.
ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވެސް ސަރުކާރުން ވަނީ ދެއްވާފައެވެ. އަދި ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ފުރުޞަތު ދިނުމަކީ އަދުގެ ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއްކަމަށް ވެސް ސަރުކާރުން ވިދާޅުވެއެވެ.
ރިޕޯޓާޒް ވިތައުޓް ބޯޑާސް، އިން އަހަރަކު އެއް ފަހަރު ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 100 ވަނައަށް ވެއްޓިފައެވެ. އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 13 ދަރަޖައިގެ ދަށްވުމެކެވެ. އެ ދަށްވުމުގެ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އޭރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ނުފުއްދުމެވެ. އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ރާއްޖެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރެވުނު ނަމަވެސް ނޫސްވެރިން ޚާބަރާއި މައުލޫމާތު ފޯރުކޮށްދޭން ޖެހޭނީ ޒިންމާދާރުކަމާއެކުގައެވެ. ރައްޔިތުން ކުރާ އިތުބާރުގެ ނާޖާއިޒު ފައިދާ ނަގައި ދޮގު މަޢުލޫމާތާއި ޚަބަރު ފެތުރުމަކީ ލިބިފައިވާ މިނިވަންކަމުގެ ބޭނުން ނަހަމަގޮތުގައި ހިފުމެވެ.