ޚަބަރު

ހަނިމާދޫން ފަތުރުވެރިކަމަށް 50 އަހަރަށް 14 ބިން ދޫކުރަން ހުޅުވާލައިފި


  • ބިންތައް ދޫކުރަނީ ރަށުގެ ޓޫރިޒަމް ޒޯނުން

  • މިއީ 5000 އަކަފޫޓުގެ ބިންތައް

  • މިދިޔަ އަހަރުވެސް ހަނިމާދޫން ފަތުރުވެރިކަމަށް 12 ބިމެއް ދޫކުރަން ހުޅުވާލި

ހދ.ހަނިމާދޫން 50 އަހަރަށް 14 ބިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދޫކުރުމަށް ހަނިމާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

މި ބިންތައް ދޫކުރަނީ ހަނިމާދޫ ޓޫރިޒަމް ޒޯން ހިންގުމަށް ކަނޑައަޅާފައިވާ ބިމުންނެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މިއީ މުޅިންވެސް 5000 އަކަފޫޓުގެ ބިންތައްކަމަށެވެ. ބިން ދޫކުރަނީ ރަށުގެ އުތުރުފަރާތު ގޮނޑުދޮށް ސަރަޙައްދުންނެވެ. މިމަޝްރޫޢަކީ ރަށަށް އާމްދަނީ އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ އިޤްތިޞާދީ ޕްރޮޖެކްޓްތަކުގައި ހިމަނައިގެން ފަށަން ނިންމާފައިވާ މަސައްކަތެކެވެ. އަދި މިއީ ސަރުކާރު ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، ކައުންސިލަށް އާމްދަނީ އިތުރުކޮށް ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށާއި، ރަށުގައި ވަޒީފާގެ ފުރުޞަތު އިތުރުކޮށް، ފުދުންތެރި މުޖުތަމަޢެއް ބިނާކުރުންކަމަށް ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މިމަޝްރޫޢުގެ ބީލަން ހުޅުވާލުން އޮންނާނީ މިމަހުގެ 30ވަނަ ދުވަހު، 13:00ގައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

ހދ.ހަނިމާދޫއަކީ އާބާދީގައި 2500އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. މިހާރުވެސް ރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި އަންނަނީ ކުރަމުންނެވެ.

ހަނިމާދޫއަކީ އެއަރޕޯޓް ހިންގާ ރަށަށްވުމާއެކު، ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުޞަތު ބޮޑު ރަށެއްވެސް މެއެވެ. ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓް ރީޑިވެލޮޕްމަންޓް މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީވެސް އުތުރުގެ ފަތުރުވެރިކަން ފުޅާކޮށް، އިޤްތިޞާދީ އިތުރު ފުރުޞަތުތައް ސަރަޙައްދުގައި އިތުރުކުރުމެވެ.

މިދިޔަ އަހަރުވެސް ހަނިމާދޫން ފަތުރުވެރިކަމަށް 12 ބިމެއް ދޫކުރަން ހުޅުވާލިއެވެ. އެއީ 10،000 އަކަފޫޓުގެ 4 ބިމާއި 5000 އަކަފޫޓުގެ 8 ބިމެއް ވިޔަފާރީގެ އުޞޫލުން ދޫކުރުމަށެވެ. މީގެތެރެއިން 10،000 އަކަފޫޓުގެ ބިންތައް ދޫކޮށްފައިވަނީ 40 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި 5000 އަކަފޫޓުގެ ބިންތައް ދޫކުރީ 30 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ކައުންސިލުން ހާމަކުރެއެވެ. އެ ފުރުޞަތަށްވެސް 75 ވިޔަފާރި ކުންފުންޏަކުން ޝަޢުގުވެރިކަން ފާޅުކުރިއެވެ.