ކުޅިވަރު

ފުރަތަމަ މެޗުންވެސް ފެރަން ޓޮރޭޒް ވިދާލައިފި


ފްރާންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕޭނުގެ ފެރަން ޓޮރޭޒް ވިދާލައިފި އެވެ.

50 މިލިއަން ޔޫރޯ އަށް ބާސެލޯނާއިން ގެނައި ފޯވަޑް ކުޅެން ނުކުތީ ދެ ލަނޑުން ޓީމު ފަހަތަށް ދިއުމުން ޕީއެސްޖީގެ ތަރި އޮސްމާނޭ ޑެމްބެލޭގެ ބަދަލުގައި ފަހު ހާފުގަ އެވެ. އަދި އޭނާ ވަނީ ދެ ގޯލު ޖަހައިގެން ރޭން އަތުން ޕީއެސްޖީ ބަލިވިޔަ ނުދީ ސަލާމަތް ކޮށްދީފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ފެރަން ޓޮރޭޒް ބުނީ އޭނާ އަށް ހިތްވަރު ލިބުނީ ދަނޑަށް އަރަން ހިނގައިގަތުމާއެކު ކޯޗު ލުއިސް އެންރިކޭ ދިން އިރުޝާދުން ކަމަށެވެ.

"އޭނާ އަހަރެން ގާތުގައި ބުނީ ވޯލްޑް ކަޕް ފައިނަލްގައި ކުރި ކަންތައް ކުރާށޭ. އަހަރެންނަށް ވާނެއޭ. އަހަރެންނަށް ވަރަށް ބޮޑަށް ހިތްވަރު ލިބުނު އެ ވާހަކަތަކާއެކު،" އާޖެންޓީނާ ބަލިކޮށް ސްޕޭނަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލަނޑު ޖެހި ކުޅުންތެރިޔާ ބުންޏެވެ.

އެންރީކޭ ވެސް ވަނީ މެޗަށް ފަހު ފެރަން އަށް ތައުރީފް ކޮށްފަ އެވެ.

"އޭނާ އަކީ ކޮންމެ ވަގުތަކު ވެސް ޓީމަށް ކޮލިޓީ ގެނެސްދޭނެ ކުޅުންތެރިއެއް. އޭނާގެ މުހިންމުކަން މި މެޗުގައި ފެނިގެން އެދިޔައީ. އަހަރުމެން ބޭނުންވަނީ މި ގޮތުގައި އޭނާ ކުރިއަށްދާން. އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް،" ކޯޗު ބުންޏެވެ.