ޚަބަރު

3 ދުވަހުން 21.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި


  • ޖުމްލަ 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް

  • މަސްތުވާތަކެތި ނައްތާލެވިފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި

  • ވެސެލްސް ޓްރެކިންގ ޑިވައިސް ހަރުކޮށް މޮނިޓަރކުރަން ވަނީ ފަށާފައި

ދިވެހި ފުލުހުންގެ ޚިދުމަތުން ތިން ދުވަހުގެ ތެރޭގައި 21.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދާޚިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިޙްސާން ވިދާޅުވީ ފާއިތުވި 3 ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސް ގުޅިގެން މަސްތުވާތަކެއްޗާ ގުޅޭ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި އޮޕަރޭޝަންތަކުގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އެތަކެތީގެ މަގުމަތީ އަގު 21.6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ދިވެހި ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 410 މައްސަލައެއް އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. މިދިޔަ މަހު އެކަނި ވެސް 130 މައްސަލައެއް ވަނީ އެ އިދާރާއަށް ހުށަހަޅާފައެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ގޮތުގައި އެކަމަށް ހާއްސަ ޓާސްކް ފޯހެއް ނަގައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޕޯސްޓް މެދުވެރިކޮށް ގެންނަ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއާ ގުޅިގެން މަސައްކަތް ކުރަމުންދާއިރު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ބޭރުގެ އިންޓެލިޖެންސް އެޖެންސީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް، އެއަށް އޮތް ޑިމާންޑު ދަށްކުރުން މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓަރކުރުމަށް މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ. މީގެ ސަބަބުން މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.