ޚަބަރު

ރާއްޖޭގައި ޤާއިމްވެތިބި ބޭރުގެ ސިފައިން އަންނަ މަހުގެ 10ގެ ކުރިން ރާއްޖެއިން ފައިބާ ނިމޭނެ: ރައީސް


  • ރާއްޖޭގައި ޤާއިމްކޮށްފައިވާ 3 އޭވިއޭޝަން ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ތިބި

  • 1 ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން މިހާރު ވަނީ ފޮނުވާލާފައި

ރާއްޖޭގައި ޤާއިމްވެފައި ތިބި ބޭރުގެ ހުރިހާ ސިފައިން އަންނަ މެއި މަހުގެ 10ގެ ކުރިން ރާއްޖެއިން ފައިބާ ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ހިޔާ ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެކަމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ، ދިވެހިރާއްޖެއަކީ ތާއަބަދަށް މިނިވަން ޤައުމެއްގެ ގޮތުގައި ބޭއްވުމުގެ ވަޢުދާއެކުކަމަށާއި އެކަމުގައި އެމަނިކުފާނު ދެމި ހުންނަވާނެކަމަށެވެ.

އެގޮތުން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމަށް ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހު މަސައްކަތް ފެއްޓެވިގޮތަށް، ޑިޕްލޮމަސީގެ ރިވެތި ހަމަތަކުގެ ތެރެއިން މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

"އެކަންވެސް އިރާދަކުރެއްވީތީ ދެފަރާތުން އެއްބަސްވިގޮތަށް، ލިޔެކިއުމުގައި ސޮއިކުރެވިފައިވާ ގޮތަށް އެދަނީ ތަންފީޒުވަމުން މިމަހުގެ ތެރޭގައި ދެވަނަ ޕްލެޓްފޯމްގައި ތިބި ބޭރުގެ ސިފައިން ފައިބާނެ، 3 ވަނަ ޕްލެޓް ފޯމްގައި ތިބި ސިފައިން ދެން އަންނަ މަހުގެ 10ގެ ކުރިން ފައިބާނެ. އޭރުން ފައިބާ ނިމުނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ ރާއްޖެ ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދާ އެފަދަ އެތައް މަސައްކަތެއް ކުރުމުގައި ދިވެހިންގެ ވިސްނުން އިސްކުރާ، އަދި އެހެން ބައެއްގެ އެޖެންޑާ ދިވެހިރާއްޖޭގައި އިސްނުކުރާނެ ވިސްނުމުގެ މީހުން ރައްޔިތުންގެ މަޖިލީހަށް ގެންނަންޖެހެނީ އެފަދަ އެތައް ސަބަބުތަކައްޓަކައިކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާއެއްގޮތަށް ރާއްޖޭގައި ޤައިމްވެތިބި ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި ޤާއިމުކޮށްފައިވާ 3 ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ.

އަމާޒަކީ ދިވެހިރާއްޖޭގެ ސިޔާދަތާއި ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެހެން، ރަހުމަތްތެރި ޤައުމުތަކާއެކު ދިފައީ އަދި ސަލާމަތާއި ގުޅުންތައް ބަދަހިކުރުންކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.