ޚަބަރު

އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދެއް ތަރައްޤީކުރަނީ


  • އުތުރު ތިލަފަޅު ބިން ހިއްކުމާއި ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރާނެ

  • ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކްވެސް ތަރައްޤީކުރާނެ

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އެސްޓީއޯގައި މިރޭ ބޭއްވި ޚާއްސަ ރަސްމީޔާތެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނި (އެމްއަޑީ ފްރީޒޯން) ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ އަދި އެސްޓީއޯގެވެސް މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމެވެ. އަދި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއެޗްއީސީ) ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.

މި އެއްބަސްވުމުގެ ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްއައިޑީ ފްރީޒޯންގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، ސަރުކާރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އެސްޓީއޯއާއި ކަމަށްވީނަމަވެސް، އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގައި މިކަމަށް މިގޮތަށް ހައްލެއް ހޯދުމުގެ މަސައްކަތެއް މިހާތަނަށް ނުކުރެވޭ ކަމަށެވެ.

އެގޮތުން މި މަޝްރޫޢުގެ ސަބަބުން ދިވެހި ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް ތަމްރީނުވުމުގެ އިތުރުން، ވަޒީފާގެ ފުރުޞަތު ފަހިވެ އަދި ހަމައެކަނި ދަނޑުވެރިކަން ނޫން މެރިކަލްޗަރ އަދި އެކުއެކަލްޗަރގެ ސިނާޢަތްވެސް ކުރިއަރައިގެން ދާނެކަމަށް ވިދާޅުވިއެވެ.

ދަނޑުވެރިކަމަށް އިޤްތިޞާދީ ސަރަޙައްދެއް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެއް ކަމަށް އެމްއައިޑީ ފްރީޒޯން ކުންފުނިން ބުނެއެވެ. އަދި މި މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މި އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު ނުވަތަ އޭއީޒެޑް ކަނޑައަޅާނީ އުތުރު ތިލަފަޅުގައި ކަމަށް އެކުންފުނިން ބުނެއެވެ. މާލޭ ސަރަޙައްދުގައި މި މަސައްކަތް ކުރަނީ މިވަގުތު މިފަދަ މަޝްރޫޢެއް ހިންގުމުގެ ޑިމާންޑު އޮތީ އެ ސަރަހައްދުގައި ކަމަށް ޝިމާދު ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ތެރެއިން އުތުރު ތިލަފަޅުގެ ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓަރމިނަލްތައް ޤާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި ޢުމްރާނީ ވަސީލަތްތައް މި ސަރަޙައްދުގައި ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއީ ހަރަކާތްތަކަށް ޚާއްސަ ޖާގައެއް ހޯދައިދެވި އިންވެސްޓަރުން ޝައުގުވެރިކޮށް، ދަނޑުވެރިކަމުގެ ދާއިރާ ދިރިގެންދާ ކަމަށް އެމްއައިޑީ ފްރީޒޯން ކުންފުނިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން އެތެރޭގެ އުފެއްދުންތައް އިތުރުވެ، އަދި ކާބޯތަކެތީގެ ބާވަތްތަށް ސިންދަފާތުކޮށް އަދި ފުޅާކުރެވި، އިމްޕޯޓަށް ބަރޯސާވުން ކުޑަވެގެންދާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާއަށް ކުރާ ޚަރަދު ކުޑަވެ ނެޝަނަލް ރިޒާވް މެނޭޖްކުރުމުގައި އެހީވެ އިޤްތިޞާދީ ކުރިއެރުމަށް މި މަޝްރުޢޫގެ ސަބަބުން މަގުފަހިކޮށްދޭނެކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ.