ޚަބަރު

ރައީސް ޑރ. މުޢިއްޒު މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ ގާތަށް


  • މާލޭގެ ހަތަރު ސަރަހައްދެއްގައި ޑޯޓޫޑޯ ހަރަކާތުގައި ރައީސްވަނީ ބައިވެރިވަޑައިގެންފައި

  • މި ޒިޔާރަތްތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ

އަންނަމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދަވާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން މައްޗަންގޮޅި އުތުރު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައިފިއެވެ. މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެޑައިގެންނެވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން މާލޭގައި ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން މިހާތަނަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ރައީސް ވަނީ ޑޯޓުޑޯ ކުރިއަށް ގެންދަވާފައެވެ. އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކަށް ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް ރައީސް ވަނީ އަޑުއައްސަވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ކޮންމެ ބުރާސްފަތި ދުވަހާއި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑޯޓޫޑޯ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ އެދުވަސްތަކުގެ މެންދުރު 2:00 އިން 3:00 އަށެވެ. އަދި ބައެއް ހަރަކާތްތައް ރޭގަނޑުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯލިޝަނުން ބުންޏެވެ. ޑޯޓޫޑޯ ކެމްޕެއިން ކުރިއަށްދާނީ އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށްކަމަށް ކޯލިޝަނުން ބުންޏެވެ.

ސަރުކާރު ކޯލިޝަނުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިސްކޮށް ހުންނަވައިގެން އިދިކޮޅު އެމްޑީޕީންވެސް ގެންދަނީ މާލޭގައި ޑޯޓުޑޯ އާއި ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.

އަންނަމަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. އަދި މި އިންތިހާބުގައި 371 ކެންޑިޑޭޓުން ވާދަކުރާނެއެވެ.