ކޮންމެ މީހަކީވެސް ފަހަކަށް އައިސް ދިރިއުޅުމުގެ އަސާސީ ކަންކަން ފުރިހަމަކުރުމަށް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ބޭނުންކުރާ މީހުންނެވެ. ކަރަންޓު ބޭނުން ކުރުމުގައި އަދި ކަރަންޓް ސާމާނާއި ކަރަންޓް ބޯޑުތަކުގެ އިތުރުން ޑިސްޓްރިބިއުޝަން ފޮށިތަކާއި ޓްރާންސްފޯމަރު ފަދަ ތަންތަނާއި ކައިރިވުމާއި، އެފަދަ ސާމާނު ބޭނުންކުރަންވާނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ.
ޚާއްސަކޮށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ސްޓޭޝަންތަކަކީވެސް އެކަމަށް ޚާއްސަ ތަޖުރިބާ ހުރި ފަރާތްތަކުން ހިންގާ ބަލަހައްޓާ ތަންތަނެވެ. ރާއްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެތަންތަނަށް އާންމުން ވަދެއުޅުން މަނާ ކޮށްފައިވަނީ އެކަމުގެ ނުރައްކާ ބޮޑުވީމައެވެ.
ޚާއްސަކޮށް އާންމު ރައްޔިތުން ދިރުއުޅޭ ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ފޮށި ތަކާއި ޓްރާންސްފޯމަރުތައް ހުޅުވުމާއި އެތަންތަނުގައި ހުންނަ ތަކެތީގައި އަތްލާހެދުން މަނާކޮށް "ނުރައްކާ" މިހެން ލިޔެފައި ހުންނަނީ ހައިވޯލްޓޭޖް ކަރަންޓް އެތަނަށް ދޫކޮށްފައި ހުރުމާއި އޭގެ ސަބަބުން ލިބިދާނެ ގެއްލުމަކުން އެންމެންވެސް ރައްކާތެރިކުރުމަށެވެ.
މިކަމާއި ގުޅޭގޮތުން ސްޓެލްކޯގެ ފަރާތުން މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ އިންޖިނިއަރ އަބްދުﷲ ޝިމާޒް ވިދާޅުވީ، ޓްރާންސްފޯމަރު ތަކުގައި ހުންނަނީ އާންމުގޭގެއަށް ދީފައި ހުންނަ ކަރަންޓަށްވުރެ މާމަތީ ކަރަންޓެއް ކަމަށާއި އެފަދަ ތަންތަނަށް ވަނުމާއި އެތަންތަނުގައި ހުންނަ ތަކެތީގައި އަތްލާ ހެދުމަކީ ނުރައްކަލަށް ހުށަހެޅިދާނެކަމެއްކަމަށެވެ.
"ގެއެއްގައި މިހުންނަނީ އާންމުކޮށް ސިންގަލް ފޭސް ކަރަންޓެއް. އެ ކަރަންޓުގައި އާންމުކޮށް ކޮންމެ ބޭފުޅަކު ޖެހުނަސް، އީއެލްސީބީން ވަރަށް އަވަހަށް ވައްޓާލާނެ. އެހެނަސް ޓްރާންސްފޯމަރުތަކުގައި ހުންނާނީ ހައި ކަރަންޓު. މިސާލަކަށް މާލޭގައި އެންމެ ކުޑަވިއަސް އިންނާނީ 630 ކޭވީއޭގެ ޓްރާންސްފޯމަރެއް. އޭގެ ޓްރާންސްފޯމަރެއްގެ ކަރަންޓު މީހަކު ޖެހުނު ކަމަށް ވަންޏާ ބޮޑު ޝޮކެއް އައުން އެކަށީގެންވޭ. ލައިވްކޮށް ހުއްޓާ ޖެހިއްޖެއްޔާ އެއީ ވަރަށް ނުރައްކާތެރިކަމެއް. ސަލަމާތްވާނެ މާ ބޮޑު އިންތިޒާމެއް ނީންނާނެ.އަބްދުﷲ ޝިމާޒް / ސްޓެލްކޯގެ އިންޖިނިއަރ
ފަހަކަށް އައިސް މާލޭގެ ބައެއް ސަރަޙައްދުތަކުގައި ސްޓެލްކޯއިން ކަރަންޓް ފޯރުކޮށްދޭން ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތަކާއި އެނޫންވެސް ވަސީލާތްތަކުން ވައްކަންކުރާ މައްސަލަ ބޮޑުވެ، އެކުންފުނިން ވަނީ އެކަމުގެ ނުރައްކާތެރިކަން ހާމަކޮށް އެތަންތަނަށް ނުވަނުމަށް އިލްތިމާސްކުރައްވާފައެވެ.
އެފަދަ ތަންތަނަށް ވަނުމުގެ ނުރައްކަލާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަމާ ގުޅޭ މުވައްޒަފުންވެސް އެފަދަ ތަންތަނަށް ވަންނަނީ ޓްރާންސްފޯމަރު ނިންވާލައިގެން ކަމަށެވެ. އެހެންކަމުން އެފަދަ ސަބްސްޓޭޝަންތަކާއި ވީހާވެސް ދުރުން އާންމު އުޅުމަށާއި އަދި އެފަދަ ތަންތަނަށް ވަދެ ނުހެދުމަށް އެކުންފުނިން އިލްތިމާސް ކުރެއްވިއެވެ.
"މާލޭ ސަރަހައްދުގައި ހުރިހާ ދިމާލެއްގައި ބައްޓާފައި ހުންނަ ޓްރާންސްފޯމަރުތަކަކީ ހައި ކަރަންޓު މީގެ ތެރެއިން ދައުރުކުރާ ޓްރާންސްފޯމަރުތަކެއް. ޕަބްލިކަށް ދޭން ބޭނުންވާ މެސެޖަކީ ހުރިހާ ތަނެއް ތަޅުލެވިފައި މިހުންނަނީ. އެކަމަކުވެސް މި އިންފްރާސްޓްރަކްޗަރ އާއި ވީހާވެސް ދުރުން އުޅުމަށް އަޅުގަނޑުމެއް މި އިލްތިމާސް ކުރަނީ. މިތަންތަނަށް ވަދެ މިއެއްޗިއްސާ ކުޅުމުގެ ސަބަބުން ލިބޭ ގެއްލުމަކީ ފުރާނައަށް ނުރައްކާވާނެ ކަމެއް.އަބްދުﷲ ޝިމާޒް / ސްޓެލްކޯގެ އިންޖިނިއަރ
މީގެ ދެދުވަސް ކުރިން ސްޓެލްކޯއިން ވަނީ އެކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުހަލާކުކޮށްލައި ވަދެ ވައްކަން ކުރަމުންދާކަން ފާހަގަކޮށްފައެވެ. މީގެ ސަބަބުން ބައެއް ޞަރަޙައްދުތަކުން ކަރަންޓު ކެނޑި އާންމު ރައްޔިތުންނަށް އޭގެ ތަކުލީފާއި ކުރިމަތިލާން ޖެހެއެވެ. އެ މައްސަލަ ސްޓެލްކޯގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ޞަރަޙައްދުގައި ހުރި ޓްރާންސްފޯމަރެއްގެ ތެރޭގައި މީހަކު މަރުވެފައޮއްވާ މިވަނީ ފެނިފައެވެ.
މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވެ ތިބުމައްޓަކައި ސްޓެލްކޯފަދަ ކަމާގުޅޭ އިދާރާތަކުންދޭ އިރުޝާދުތައް އަޑުއަހައި ރައްކާތެރިވެ ތިބުމަކީ ނުހަނު މުހިއްމު ކަމެކެވެ.