މަސްވެރިކަމުގެ ސިނާޢަތުގެ މަސައްކަތްކުރާ ފަރާތްތަކަށް 7 ދާއިރާއަކުން މާލީ އެހީތެރިކަން ލިބޭ "އާރުވެރި" މެޗިން ގްރާންޓް ސްކީމް އިފްތިތާޙްކޮށްފިއެވެ. މި ގްރާންޓްގެ ދަށުން ޖުމްލަ 278 މިލިޔަން ރުފިޔާ އެކި ދައިރާތަކުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މެންހެޓަން ބިޒަނަސް ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އާރުވެރި މެޗިން ގްރާންޓް އިފްތިތާޙްކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ.
މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މަސްވެރިކަމާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި ސްކީމްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. އަދި ނަފާވެރި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ޤާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް މި ސްކީމުގެ މަޤްޞަދެކެވެ.
މި ސްކީމުގެ އިފްތިތާޙްކޮށްދެއްވުމަށް ފަހު ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢާތް ކުރިއެރުވުމުގައި އެންމެ ބޮޑުގެ ގޮންޖެހުމެއް ދިމާވާނީ މާލީ ގޮތުން ކަމަށެވެ. އަދި މިމަސައްކަތް ސަރުކާރުން ކުރާއިރު ޕްރައިވެޓް ސެކްޓަރ މި ސިނާޢަތުގައި ބާރުވެރިކުރުވުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު މަސައްކަތް ކުރައްވާ ފަރާތްތައް، ކުދި ފެކްޓަރީތަކާއެކު މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް އިތުރަށް ވިޔަފާރި ފުޅާކުރާނެ ގޮތެއް ނެތް. އިތުރަށް ތަރައްޤީކުރެވޭނެ ގޮތެއް ނޯވޭ. ނޫނީ އަލަށް މަސްވެރި ސިނާޢަތުގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތަކަށްވެސް މިތިބެނީ މާލީ ގޮތުން ފުރުޞަތު ނުލިބިފަ. މާލީ ގޮތުން މިއޮތީ ވަރަށް ތަނަނަވަސް ފުރުޞަތެއް. %40 މިއީ ހިލޭ އެހީ. އަނބުރާ ދައްކާކަށް ނުޖެހޭނެ. %60 އޭނައަތުގައި ހުރިކަން ދައްކަން މި ޖެހެނީ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މި ސްކީމްގެ ދަށުން ޚާއްޞަ 7 ދާއިރާއަކަށް އިސްކަންދެވިފައިވާއިރު، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ޚަރަދުގެ %40 ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.
1. ދަޅު އުފައްދާ ފެކްޓަރީއެއް ތަރައްޤީކުރުމަށް
2. މަސް ކާރުޚާނާތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ނިޒާމު ހަރުކުރުމަށް
3. މަސްވެރި އުޅަނދުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ހަރުކުރުން
4. ވުޒާރާގެ ފަރާތުން ދޫކޮށްފައިވާ ރަށެއްގެ ޢުމްރާނީ ތަރައްޤީއަށް
5. މެރިކަލްޗަރ މަސައްކަތް ކުރުމަށް
6. މަސް ކާރުޚާނާ ތަރައްޤީކުރުމަށް
7. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެލިއު އެޑިޝަން މަސައްކަތްތަކަށް
މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމާއި ވާދަވެރިކަން ކަށަވަރުކޮށް، މުޅި ސިނާއަތުގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.
މި ސްކީމަކީ އެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރައިން ވިދާޅުވިއެވެ. މި ގްރާންޓް ސްކީމާ ގުޅޭ އެންމެހައި މައުލޫމާތުތަކާއި، ސްކީމްގެ ދާއިރާތަކުގެ ތަފުސީލު ލިބޭނެހެން އަދި ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅޭނެ ޚާއްސަ ޕޯޓަލް (aaruveri.fishagriocean.gov.mv) މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.