ޚަބަރު

ޣައްޒާގައި ޤާއިމުކުރާ ސުލްހަ ބަލަހައްޓާ ފައުޖަށް 206 މިލިޔަން ޑޮލަރު


ފަލަސްޠީނުގެ ޣައްޒާގައި ޤާއިމުކުރުމަށް ހުށަހަޅާފައިވާ ބައިނަލްއަޤުވާމީ ސުލްޙަ ބަލަހައްޓާ ފައުޖަށް 206 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ފޮނުވާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްއަށް އަންގައިފިއެވެ.

މިއީ ޔަހޫދީންގެ ނިރުބަވެރި ޢުދުވާނުތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާއިން އެކުލަވާލާފައިވާ ޕްލޭނު ތަންފީޒުކުރުމަށް ކަނޑައެޅި ފުރަތަމަ ފައިސާއެވެ.

ކޮންގްރެސްއަށް ފޮނުވާފައިވާ ލިޔެކިޔުންތަކަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނި ގޮތުގައި، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ "އިންޓަރނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް" (އައިއެސްއެފް) ގެ އާލަތްތަކާއި، އުމްރާނީ ވަޞީލަތްތަކާއި، އުޅަނދުތައް އަދި ހިންގުމުގެ ޚަރަދުތަކަށް 200 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ނިންމާފައެވެ. މީގެ އިތުރުން، މި ފައުޖަށް އެހީތެރިވުމަށްޓަކައި އެމެރިކާގެ އަސްކަރިއްޔާގެ ބައެއް އުޅަނދުތަކަށް ބަދަލުގެނައުމަށް 6.3 މިލިއަން ޑޮލަރު ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންގްރެސްގެ ކަމާގުޅޭ ކޮމިޓީތަކަށް ފޮނުވި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުން މި ޕްލޭނަށް ދެކޮޅުހަދަމުން ދިޔަނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ދަނީ ޣައްޒާގެ ސުލްޙައިގެ މަގުޗާޓު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، އައިއެސްއެފުން ސަލާމަތީ އޮޕަރޭޝަންތައް ހިންގުމާއި، ރައްކާތެރިކަމާއެކު އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެއެވެ.

މި ފައުޖު އެކުލަވާލުމަށް މިހާތަނަށް އިންޑޮނޭޝިއާ، މޮރޮކޯ، ކަޒަކިސްތާން، ކޮސޯވޯ އަދި އަލްބޭނިއާއިން ސިފައިން ފޮނުވަން ވަޢުދުވެފައިވާއިރު، މިޞްރާއި އުރުދުންއިން ވަނީ ފަލަސްޠީނުގެ ފުލުހުން ތަމްރީނުކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް، މި ފައުޖު ޣައްޒާއަށް ފޮނުވޭނެ ސީދާ ތާރީޚެއް އަދި ސާފެއް ނުވެއެވެ.

އޮކްޓޯބަރު 7، 2023 ގައި ޣައްޒާއާ ދެކޮޅަށް ޔަހޫދީން ފެށި ޢުދުވާނު ހުއްޓުވުމަށް ޓްރަމްޕް އެކުލަވާލެއްވި 21 ނުކުތާގެ ސުލްޙައިގެ ޕްލޭނަށް ޖުލައި މަހު އެއްބަސްވުމެއް އިޢުލާނުކުރި ނަމަވެސް، ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޙަމާސުން ފުރިހަމައަށް ހަތިޔާރު ނުބަހައްޓަނީސް ފަހަތަށް ނުޖެހޭނެ ކަމަށް ބުނެ އެއްބަސްވުން ބޮލާލާޖަހައިފައެވެ.

އަދި ޙަމާސުން ބުނަމުންދަނީ، ސުލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރެވޭނީ ޔަހޫދީން ދެމުންދާ ހަމަލާތައް ހުއްޓާލައި، ޔަހޫދީ ސިފައިން ޣައްޒާއިން ބޭލުމުން ކަމަށެވެ. އެހެންކަމުން، ޓްރަމްޕްގެ ޚާއްސަ މަންދޫބު ޖެރެޑް ކުޝްނަރ ދާދިފަހުން ޤުދުސަށް ކުރެއްވި ދަތުރުފުޅުގައިވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޓޮމީ ޕިގަޓް ވިދާޅުވީ، ޓްރަމްޕްގެ ތާރީޚީ ސުލްޙައިގެ ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމަށް އެމެރިކާއިން ސާބިތުވެ އޮންނާނެ ކަމަށެވެ. އަދި ސުލްޙަ ބަލަހައްޓާ ފައުޖަށް ކެނޑައެޅި މި ފައިސާއަކީ، މަސައްކަތުގެ ފެށުން ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

ސުލްޙައިގެ މަސައްކަތްތައް ކުރިއަށްދިޔަ ނަމަވެސް، ޣައްޒާގައި އަދިވެސް ޔަހޫދީންގެ އަނިޔާވެރި ހަމަލާތައް ހުއްޓިފައެއް ނުވެއެވެ. ޣައްޒާގެ ސިއްޙީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހު ހަމަލާތައް ހުއްޓައިލުމުގެ މަޝްވަރާތައް ފެށުނު ފަހުންވެސް ޣައްޒާއިން 1,200 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.