ރަށްވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ-ރަޖިސްޓްރީވާން އަލުން ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކޮށްދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓްލުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އަލުން ހުޅުވާލީ އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު އައުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިމަހު 17 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައި އޮތްނަމަވެސް، ޤާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން އެ ތާރީޚުވަނީ އަންނަމަހުގެ 21 ވަނަ ދުވަހަށް ލަސްކޮށްފައެވެ. ތާރީޚަށް އައި ބަދަލާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 10 ވަނަ ދުވަހު އަލުން ރީ ރަޖިސްޓްރީވާން ހުޅުވާލިއެވެ. އަދި އެމުއްދަތު އަންނަ ހޮނިހިރު ދުވަހު މެންދުރު 15:00 އަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާތަނަށް ރީ-ރަޖިސްޓްރީވުމަށް އެދި އޮންލައިންކޮށް 5202 ފޯމް ހުށައެޅިކަމަށެވެ. އަދި އޭގެ ތެރެއިން 4718 މީހުން ރަޖިސްޓްރީ ކޮށްދީފައިވާކަމަށެވެ. މީގެ އިތުރުން އެކި ސަބަބުތަކާ ހުރެ 484 ފޯމް ރިޖެކްޓް ކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތުގައި މިހާތަނަށް ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތަކަށް ވޯޓުލުމަށް 827 މީހަކު ރީ-ރަޖިސްޓްރީ ވެފައިވާކަމަށެވެ. ރާއްޖެއިން ބޭރު 6 ޤައުމެއްގައި ވޯޓު ފޮށި ބަހައްޓާގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް އެންމެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވަނީ މެލޭޝިއާއަށެވެ.
* ކުއަލަލަމްޕޫރު: 463 މީހުން
* ކޮލަމްބޯ: 241 މީހުން
* ލަންޑަން: 52 މީހުން
* ޓްރިވެންޑްރަމް: 50 މީހުން
* އަބޫ ދާބީ: 14 މީހުން
* ބެންކޮކް: 7 މީހުން
ރީ-ރަޖިސްޓްރީވުމަށް form.elections.gov.mv އަށް ވަނުމުން އީފާސް މެދުވެރިކޮށް އަދި އީފާސްއާ ނުލާވެސް ރީރަޖިސްޓްރީ ވެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި 1414 އަށް އެސްއެމްއެސް ކުރުމުން ވޯޓުލުމަށް މިހާރު ރަޖިސްޓްރީވެފައިވާ ތަން އެނގޭނެކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.
މަޖިލިސް އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމުމުން އަލަށް ވޯޓުލުމުގެ ޙައްޤު 560 ފަރާތަކަށް ލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަނީ 93 ދާއިރާއަކަށެވެ. މިފަހަރުގެ އިންތިޚާބުގައި 371 ކެންޑިޑޭޓުން ވާދަކުރެއެވެ.