ޚަބަރު

ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އަލުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި


  • ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލީ މާދަމާ ހަވީރު 16:00 އާ ހަމައަށް

  • ރީ-ރަޖިސްޓްރީ ނުކުރާނަމަ ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށަށް

  • ބޭރު ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަނީ ސްރީލަންކާ އަދި މެލޭޝިއާގައި އެކަނި

މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ރަޖިސްޓްރީ ކުރި ފަރާތްތަކުގެ ތެރެއިން ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ހުރި ފަރާތްތަކަށް އަލުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ވަނީ އަލުން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައި، ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ރަޖިސްޓްރީވެފައި ހުރި ފަރާތްތަކުގެ ލިސްޓެއް އާންމުކުރައްވާފައެވެ. މި ލިސްޓުގައި 4651 މީހުން ހިމެނެއެވެ.

އިލެކްޝަނުން ވިދާޅުވީ، މިހާރު އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުން އެ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށް ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަނަކަށް ރަޖިސްޓްރީ ކުރުމަށް ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަލުން ރީ-ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސްގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކުގައި ރީ-ރަޖިސްޓްރީ ކުރުމަށް ރަށު ކައުންސިލާއި ސިޓީތަކުގެ އަވަށު އޮފީސްތަކަށް ފޯމު ހުށަހެޅޭނެ ކަމަށާއި، މާލޭގައި ނަމަ ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒުން އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކޮށްދޭނެ ކަމަށްވެސް އިލެކްޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް އިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތުގައި ބޭރު ޤައުމުތަކާއި ސިނާއީ ސަރަހައްދު އަދި ރިސޯޓުތަކުގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުޞަތުވެސް ހުޅުވާލިއެވެ. ނަމަވެސް ކަނޑައަޅާފައިވާ މިންވަރަށް ރަޖިސްޓްރީކޮށްފައި ނުވާތީ ބައެއް ތަންތަނުގައި މިފަހަރު ވޯޓު ފޮށި ނުބަހައްޓަން އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެހެންކަމުން އެ ތަންތަނުގައި ރަޖިސްޓްރީ ކުރި ފަރާތްތަކަށްވެސް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓުފޮށިތައް ނުބަހައްޓާ ރިސޯޓުތަކާއި ސިނާއީ ސަރަހައްދު:

• ސޮނެވާ ޖާނީ
• އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު
• ޖޯލި ބީންގް
• ރީތި ބީޗް ރިސޯޓް
• ފިނޮޅު ބާ އެޓޯލް މޯލްޑިވްސް
• ކުރެއްދޫ އައިލެންޑް ރިސޯޓް
• އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް
• ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް
• ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް
• ސިނަމަން ދޮންވެލި މޯލްޑިވްސް
• އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލި
• ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް
• ކޮންސްޓެންސް މޫފުށި
• ނިޔަމަ މޯލްޑިވްސް
• ލަކްސް ސައުތު އަރި އަތޮޅު މޯލްޑިވްސް
• މިލައިދޫ އައިލެންޑް މޯލްޑިވްސް
• ޑަބްލިއު މޯލްޑިވްސް
• ހުޅުލެ

ރާއްޖޭން ބޭރުގައި ވޯޓު ފޮށި ނުބަހައްޓާ ޤައުމުތައް:

• އިންޑިއާ
• ތައިލެންޑް
• އިނގިރޭސިވިލާތް
• އެކުވެރި ޢަރަބި އިމާރާތް

އިލެކްޝަންސް އިން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާއިރު މި ފުރުޞަތުގައި ވޯޓު ފޮށި ބަހައްޓާކަން ކަށަވަރުވެފައިވާ ތަނަކަށް ރަޖިސްޓްރީނުކުރާނަމަ އެ ފަރާތްތަކަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށަށް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ބޭރު ޤައުމުތަކުގެ ތެރެއިން މަޖިލިސް އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ސްރީލަންކާއާއި މެލޭޝިއާގައި އެކަންޏެވެ.

ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް އިން ފުރުޞަތު ހުޅުވާލީ މި މަހުގެ 1 އިން 7 އަށެވެ. އެ މުއްދަތުގެ ތެރޭގައި 13،378 މީހުން ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅިއިރު ރަޖިސްޓްރީ ކޮށްދީފައިވަނީ 11،919 މީހުންނެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް އިން ނިންމަވާފައިވަނީ އަންނަ މާރިޗު މަހުގެ 17 ގައެވެ. ނަމަވެސް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހުގެ ބިލް މަޖިލީހުން ފާސްކުރައްވާފައިވާއިރު އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އެ ތާރީޚު ބަދަލުވާނެއެވެ.